Last Updated: June 30, 18:22
Tuesday, June 30, 2026
ޚަބަރު

ދަރަނި ދައްކަން ލަންކާ އިން 2.5 ބިލިއަން ޑޮލަރުގެ ލޯނެއް

އަވަށްޓެރި ސްރީލަންކާގެ މަރުކަޒީ ބޭންކުން ދަރަނި ބޮޑުވެ، ޤައުމުގެ ހިންގަންވެސް ދަތިވެފައި ވުމާއިއެކު ބޭރުގެ ދަރަނި އަދާ ކުރުމަށްޓަކައި 2.5 ބިލިއަން ޑޮލަރުގެ ލޯނެއް ނަގަން ޤަސްދު ކުރާ ކަމަށް އެބޭންކް އިން ބުނެފިއެވެ.

އެގޮތުން މީގެ އެއްމަސް ދުވަސް ކުރިން ލަންކާގެ މާލީ ވަޒީރު ކަމަށްވާ ރަވީ ކަރުނަޔަކަ ވަނީ ޤައުމުގެ ދަރަނި ބޮޑުވުމުގެ ސަބަބުން ޤައުމު ހިންގަން ދަތިވެފައިވާ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ބަލާއިރު ލަންކާގެ ކުރީގެ ރައީސްގެ ވެރިކަމުގައި ސަރުކާރުން ހިންގި ޕްރޮޖެކްޓްތަކަށް ނަގާފައިވާ ލޯން ދެއްކުމަށްޓަކައި، އެޤައުމުން މިހާރުވެސް ދަނީ މިލިއަން ޑޮލަރުން ލޯނަށް ފައިސާ ދައްކަމުންނެވެ.

ލަންކާގެ މަރުކަޒީ ބޭންކްގެ ގަވަރުނަރު ކަމަށްވާ އިންދުރާޖީތު ކޫމަރަސްވާމީ ވިދާޅުވެފައިވާ ގޮތުގައި އެޤައުމުން 1.5 ބިލިއަން ޑޮލަރުގެ ބޮންޑް އިޝޫކޮށް އެއް ބިލިއަން ޑޮލަރުގެ ސިންޑިކޭޓް ލޯން ނެގުމަށްޓަކައި ސަރުކާރުން ވަރަށް އަވަހަށް ރުހުން ދޭނެއެވެ.

އަދި އެޤައުމުގެ ފިނޭންސް މިނިސްޓްރީ އިން ބުނީ އަލަށް ނަގަން ރާވައިފާ ލޯނުން މިހާރު ނަގާފައިވާ ލޯންތަކަށް އެއްބައި ދެއްކުމަށްފަހު، އަނެއްބައި ބޭނުން ކުރާނީ އެޤައުމުގެ ރިޒާވް އިތުރު ކުރަން ކަމަށެވެ.

ސްރީލަންކާގެ ކުރީގެ ސަރުކާރުން ވަނީ ހަމްބަންޓޯޓާގައި ބަނދަރެއް ހެދުމަށްޓަކައި 1.4 ބިލިއަން ޑޮލަރުގެ ލޯނެއް ނަގާފައެވެ. އެގޮތުން ޗައިނާއިން ނެގި އެ ލޯން އިން ވަނީ ހަމްބަންޓޯޓާގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރެއްވެސް ހަދާފައެވެ.

އެހެންނަމަވެސް، މިއިން އެއްވެސް ޕްރޮޖެކްޓަކުން ސަރުކާރަށް އެއްވެސް ފައިދާއެއް ވެފައި ނެތެވެ. އެހެންކަމުން މިހާރުގެ ސަރުކާރުން ދަނީ މި ބަނދަރުތައް ކުއްޔަށް ދިނުމަށްޓަކައި ޕާޓްނަރުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.