ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ގިފްޓް ކާޑްތައް 12 ޖެނުއަރީ 2017 އިން ފެށިގެން ރީޓެއިލް ވިޔަފާރި ކުރާ ގިނަ ތަންތަނުން ގަންނަން ލިބެން ހުންނާނެ ކަމަށް އެ ބޭންކް އިން ހާމަކޮށްފިއެވެ.
އެގޮތުން އެވާހަކަ އިއުލާން ކޮށްފައިވަނީ ސިވިލް ކޮފީ ސޮސައިޓީ ކެފޭގައި ބޭއްވި ޚާއްސަ ހަފްލާއެއްގައެވެ.
އެ ކެފޭގައި ބޭއްވި ހަފްލާއަށް ޒިޔާރަތްކުރި މެހުމާނުންނަށް ވަނީ "އަހަރެންގެ ބޭންކް" ގެ ޚާއްސަ ގިފްޓް ކާޑް ހަދިޔާ ކޮށްފައެވެ.
ބީއެމްއެލް މިދިޔަ އަހަރު ގިފްޓް ކާޑް ލޯންޗް ކޮށްފައި ވާއިރު، އެއީ ކަނޑައެޅިފައިވާ ވަކި އަދަދަކަށް ފައިސާ އަޅައިގެން، ގަންނަ ވަގުތުން ފެށިގެން ބޭނުން ކުރެވޭ ގޮތަށް ފަރުމާ ކުރެވިފައިވާ ކާޑެކެވެ. ބީއެމްއެލް ގިފްޓް ކާޑުގައި 200 ރުފިޔާ، 300 ރުފިޔާ، 500 ރުފިޔާ، 700 ރުފިޔާ އަދި 1000 ރުފިޔާ ބޭނުން ކުރެވޭނެ ކާޑު ހުންނައިރު، މިއީ ބީއެމްއެލް އިން މާސްޓާކާޑް އާއި ގުޅިގެން ކުރިއަށް ގެންދާ ޚިދުމަތެކެވެ.
އަދި ބީއެމްއެލް ގިފްޓް ކާޑް ބޭނުންކޮށްގެން ވިޔަފާރި ކުރާނަމަ، ފައިސާ ދެއްކުމަށްޓަކައި ބީއެމްއެލްގެ ޕީއޯއެސް މެޝިން ބޭނުން ކުރެވޭނެއެވެ.

ބީއެމްއެލް ގިފްޓް ކާޑް އަކީ ލޯބިވާ މީހުންނަށާއި ރަހުމަތްތެރިންނަށް ދޭން އެންމެ ރަނގަޅު ހަދިޔާ ކަމަށް ސިވިލް ކޮފީ ސޮސައިޓީ ކެފޭގައި އޮތް ހަފްލާގައި ވާހަކަ ދައްކަވަމުން ބޭންކުގެ ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓާ އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފް ވިދާޅުވި ކަމަށް ވަގުތު އޮންލައިން އިން ރިޕޯޓް ކުރެއެވެ.
އަދި ގިފްޓް ކާޑް ފަރުމާ ކޮށްފައި ވަނީ ވަރަށް ރީތިކޮށް ކަމަށާއި، ނަގުދު ފައިސާ ދިނުމުގެ ބަދަލުގައި މި ކާޑް ބޭނުން ކުރެވޭނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. އިތުރަށް ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ އާދިއްތަ ދުވަހަށްފަހު ވިޔަފާރި ކުރާ ގިނަ އަދަދެއްގެ ތަންތަނުން މިކާޑް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ.
ބީއެމްއެލް އިން ކުރިއަށް ގެންދާ "އަހަރެންގެ ބޭންކް" ކެމްޕެއިން އަކީ ދިވެހި މުޖުތަމަޢު އާއި ބޭންކް އާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމުގެ މަޤްސަދުގައި މުޅި ރާއްޖެއަށް އަމާޒް ކޮށްގެން އެ ބޭންކް އިން ކުރިއަށް ގެންދާ ކެމްޕެއިން އެކެވެ.