Last Updated: June 12, 02:23
Thursday, June 11, 2026
ޚަބަރު

"ކްރައިމް ޕްރިވެންޝަން ވާކް ޕްލޭން 2013" އިފްތިތާހުކޮށްފި

މޯލްޑިވްސް ޕޮލިސް ސަވިސް އިން މި އަހަރު އިސްކަންދޭ ކަންކަން ޚާސިލުކުރުމަށްޓަކައި ޕްރޮއެކްޓިވްކޮށް މަސައްކަތް ކުރުމަށްޓަކައި ޕަބްލިކް އެފެއާޒް ޑިޕާރޓްމަންޓުން ރާވާ ހިންގުމަށް ހަމަޖެހިފައިވާ ކުށް މަދުކުރުމުގެ ހަރަކާތްތައް ނުވަތަ "ކްރައިމް ޕްރިވެންޝަން ވާކް ޕްލޭން ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.

މި ކަމަށްޓަކައި މި މި މަހުގެ 7 ވަނަ ދުވަހުގެ ރޭ އިސްކަންދަރު ބިލްޑިންގ ގައި އޮތް ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވޯކްޕްލޭން އިފްތިތާޙްކޮށް ދެއްވީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒް އެވެ.

މިރަސްމިއްޔާތުގައި ކޮމިޝަނަރު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ މާހައުލުގައި ހިނގަމުންދާ ބައެއް ކަހަލަ ކުށްތައް އިތުރުވަމުން އަންނަކަން ފާހަގަކުރައްވާ އެފަދަ ކުށްތައް ހުއްޓުވުމަށް މުޖުތަމަޢުގެ ހުރިހާ އެންމެން އެކުގައި މަސައްކަތް ކުރުމަށް ގޮވާލެއްވި އެވެ.

އެގޮތުން ކުޑަކުދިންނާ މެދު ހިންގޭ އެކިއެކި މައްސަލަތަކާއި ގެވެށި އަނިޔާގެ މައްސަލަތައް ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ނިމި ދިޔަ 2012 ވަނަ އަހަރުގެ ތެރޭގައި މަސްތުވާތަކެއްޗާއި ބަނގުރާ ރެކޯރޑް މިންވަރަކަށް އަތުލައިގަނެވިފައިވާކަން ވެސް ކޮމިޝަނަރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ހެޑް އޮފް ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓް ސްޕްރިންޓެންޓް އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވިދާޅުވީ "ކްރައިމް ޕްރިވެންޝަން ވާކް ޕްލޭން 2013" އިފްތިތާޙް ކުރުމުގެ ބޭނުމަކީ މުޖްތަމަޢުގެ އިތުރުން މަގުމަތީގައި ހިނގާ ނޭދެވޭ ކުށްތައް މަދުކޮށް ރައްޔިތުންނަށް އަމާން އޮމާން ރައްކާތެރި މާހައުލެއް ހޯދައި ދިނުމަށް ރައްޔިތުންނާއި ވީހާ ވެސް ގާތުން ގުޅިގެން މަސައްކަތްތަކެއް ކުރުން ކަމަށެވެ.

މިރަސްމިއްޔާތުގައި ރާއްޖޭގައި ކުށުގެ ވެށި އޮތް ހާލަތާއި ކުށްމަދުކުރުމަށް ކޮށްފައިވާ މަސައްކަތްތަކާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ވީޑިއޯ ޕްރެޒެންޓޭޝަނެއް ހުށަހަޅައިފައިވެއެވެ. އަދި އިފްތިތާޙް ކުރެވުނު ކުރައިމް ޕްރިވެންޝަން ވޯރކް ޕްލޭން 2013 ގައި ކުރަން ހަމަޖެހިފައިވާ މަސައްކަތްތަކާއި ގުޅޭ ގޮތުން ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ފާތިމަތު ނަޝްވާ ވަނީ މަޢުލޫމާތު ދީފައެވެ.

އެގޮތުން މި ވާކް ޕްލޭންގައި ހިމެނިފައިވާ ހަރަކާތްތަކުގެ ތެރޭގައި އަންހެނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހޭލުންތެރިކުރުމުގެ ވޯކްޝޮޕަކާއި ސެލްފް ޑިފެންސް ޓްރޭނިންގ ފާހަގަ ކުރެވެ އެވެ.
އަދި ކުށްކުށަށް އަރައިގަތުމުގެ ފުރުޞަތު ބޮޑު ނުވަތަ ރިސްކް ގުރޫޕްގެ ކުދިންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި މުޖުތަމަޢަށް ފައިދާހުރި ރޮނގަކުން ކުރިއަށް ދެވެން ހުރި ފުރުޞަތުތައް ފަހިކޮށްދިނުމުގެ ޕްރޮގްރާމްތައް ހިމެނެ އެވެ.

އަދި މި ވާކް ޕްލޭންގައި ހިމެނޭ މައިގަނޑު ކެމްޕެއިން “އެންމެން އެކުގައި” މިހާރު ވަނީ އިފްތިތާޙްކުރެވިފައެވެ. އަދި މި އަހަރުތެރޭ ފުލުހުން ހިންގާ ހުރިހާ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދެވޭނީ މި ކެމްޕެއިންގެ ދަށުންނެވެ.