ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ޝަރީފް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވާކަމަށް ތުހުމަތުކޮށް މައްސަލައެއް އޭސީސީއަށް ހުށަހަޅައިފިއެވެ.
އިދިކޮޅު އެމްޑީޕީން ޝަރީފް އާއި ގުޅޭގޮތުން އޭސީސީއަށް ހުށަހަޅާފައިވަނީ ތ. ތިމަރަފުށީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވުނު ޖަލްސާއެއްގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން އިންތިޚާބުގައި ވާދަކުރުން ދޫކޮށްލެވުމަށް އެދި އަދި އެކަމުގެ ބަދަލެއްގެ ގޮތުގައި ކެންޑިޑެސީ ދޫކޮށްލާ ފަރާތްތަކަށް ސަރުކާރުގެ ތެރެއިން ވަޒީފާ ހަމަޖައްސަވައިދެއްވާނެކަމަށް ވިދާޅުވެފައިވާ މައްސަލައެކެވެ.
ޝަރީފް އާއި ގުޅޭ ގޮތުން އެމްޑީޕީން ބުނީ ކުރީގެ އިންތިހާބަށްވެސް ޝަރީފްގެ ފަރާތުން މިފަދަ ހުށަހެޅުމެއް ހުށަހަޅާފައިވާ ކަމަށެވެ.
ޝަރީފްވަނީ މީގެ ކުރިން ތިމަރަފުށީ ދާއިރާގެ މަޖްލިސް ގޮޑިވެސް ފުރުއްވާފައެވެ. މިކަމާއި ގުޅޭ ގޮތުން ޝަރީފް އަދި އެއްވެސް ވާހަކައެއް ދައްކަވާފައި ނުވެއެވެ.