Last Updated: June 27, 13:13
Saturday, June 27, 2026
ސިޔާސީ

ނަޝީދު ލަންކާ އިން އެނބުރި އިނގިރޭސިވިލާތަށް

ކުރީގެ ރައީސް މުހައްމަދު ނަޝީދު ތަކުރާރުކޮށް ވަރަށް އަވަހަށް ރާއްޖެ އެނބުރި ވަޑައިގަންނަވާނޭ ކަމަށް ވިދާޅުވުމަށް ފަހު ސްރީ ލަންކާގައި ދެ ހަފްތާ ހޭދަކުރެއްވުމަށް ފަހު އެނބުރި އިނގިރޭސި ވިލާތަށް ވަޑައިގެންފިއެވެ.

ސްރީ ލަންކާއަށް ނަޝީދު ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ ރައީސް ސިރިސޭނާއާއި ބައްދަލުކުރައްވައި މަޝްވަރާ ކޮށްފައިވެއެވެ. އަދި ނަޝީދު ވަނީ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި ބައިވެރިވެ ލަންކާގައި ވޯޓުވެސް ލާފައެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާއި ހިލާފަށް ހައްޔަރުކޮށް ގިރިފުށީގައި ބަންދުކުރުމުގެ މައްސަލާގައި 13 އަހަރަށް ޖަލަށް ހުކުމް ކުރެވުނު ނަޝީދު ވަނީ ބޭސް ފަރުވާއަށް ރާއްޖެ ދޫކުރައްވައި އިނގިރޭސި ވިލާތަށް ވަޑައިގެން އެގައުމުގެ ސިޔާސީ ހިމާޔަތް ހޯއްދަވާފައެވެ.

އަހަރަކަށްވުރެ ގިނަ ދުވަސް އެމަނިކުފާނު ބޭރުގެ ސިޔާސީ ހިމާޔަތުގައި ދިރިއުޅުއްވައި އެކި ފަހަރުމަތިން ވަނީ ރާއްޖެ އަށް ވަރަށް އަވަހަށް އެނބުރި ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ. އެންމެ ފަހަކަށް ރައީސް ނަޝީދު ރާއްޖެ އެނބުރި ވަޑައިގަންނަވާނެ ކަމަށް ބުނެފައިވަނީ އެނބުރި ޖަލަށް ދާން ޖެހުނަސް ވަރިހަމަ ކަމަށް ބުނެފައެވެ.

ރައީސް ނަޝީދު ލަންކާއަށް މިދިޔަ މަހުގެ 29 ވަނަ ދުވަހު ދަތުރުކޮށްފައިވަނީ އެމްޑީޕީގެ އެތެރޭގެ މަޝްވަރާތައް ކޮށް، ޕާޓީގެ އިސް މެމްބަރުންނާއި ބައްދަލުކުރެއްވުމަށެވެ. ނަޝީދު އެނބުރި އިނގިރޭސި ވިލާތަށް މިހާރު ވަޑައިގެންފައިވާއިރު ރާއްޖެ އެނބުރި އަންނާނެ ދުވަހެއް ވިދާޅުވެފައެއް ނުވެއެވެ.