ރައްޔިތުންގެ މަޖިލީހަށް ހުށައެޅިފައިވާ ހެއްކާ ބެހޭ ބިލަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވެފައިވަނީ މިބިލަކީ ރީތިކޮށް ގާނޫނެއް ފަރުމާކުރިކަން ރައްޔިތުންނަށް ދައްކައިގެން ބޮޑު ދަންތުރައެއް ޖަހަން ސަރުކާރުން ކޮށްފައިވާ ކަމެއް ކަމަށެވެ.
ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝަހު ހުށައެޅި މިބިލުގެ ސަބަބުން ގާޒީންނަށް ބޮޑެތި ބާރުތަކެއް ލިބި ކުށެއް ނުކުރާ މީހުން ފްރޭމްކުރުމުގެ ފުރުސަތު ބޮޑު ވެގެންދާނެ ކަމަށް އިދިކޮޅު މެމްބަރުން ވަނީ ބުނެފައެވެ.
އަލީ ހުސެއިން އިތުރަށް ވާހަކަ ދައްކަވަމުން ބުނެފައިވަނީ ދަށު ކޯޓުތަކަށް ހަދަން ޖެހޭ ގަވާއިދުތައް ހަދަން ޖެހެނީ އޭޖީ އަދި ޕީޖީގެ ލަފަޔާ އެއްގޮތަށް ސުޕްރީމް ކޯޓުން ކަމަށް ބިލުގައި ބަޔާންކޮށްފައި އޮތުމުން އަޖާއިބުވެ އަންތަރީސް ވެއްޖެކަމަށެވެ.
އަލީ ހުސެއިންގެ އިތުރުން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދުގެ ފާޑުކިޔުންތައްވެސް ވަނީ ބިލަށް އަމާޒުވެފައެވެ. ވައްޑެ ވިދާޅުވެފައިވަނީ މިބިލް ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން އޭނާ އަށް ސިފަކުރެވެނީ ކުށެއް ނެތް މީހަކު އިތުރަށް ފްރޭމްކޮށް އޭނާގެ މައްޗަށް ކުށް ސާބިތުކޮށް އަދަބު ދިނުމަށް ޖަހާފައިވާ ދަންތުރައެއްގެ ގޮތުގައެވެ.
މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު މާރިޔާ ދީދީ ގެ ވާހަކަފުޅުގައި ހެއްކާ ބެހޭ ބިލަކީ މުހިއްމު ބިލެއް ކަން ފާހަގަކޮށްފައިވެއެވެ. ނަމަވެސް މި ބިލަކީ ހެއްކާ ބެހޭ ބިލެއް ތިމަންނަމެން ފާސްކުރީމޭ ބުނަންވެގެން ކޮށްފައިވާ ކަމެއް ކަމަށް މާރިޔާ ސިފަކޮށްފައިވެއެވެ.