Last Updated: June 30, 18:22
Tuesday, June 30, 2026
ޚަބަރު

ބީއެމްއެލުން ލޭ ހަދިޔާކޮށްފި

ބީއެމްއެލްގެ މުވައްޒަފުން ލޭ ހަދިޔާ ކުރަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މޯލްޑިވްސް ބްލަޑް ސާވިސްއާއި ގުޅިގެން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ހޯމަ ދުވަހު ހިންގައިފިއެވެ.

"އަހަރެންގެ ބޭންކް" ކެމްޕެއިންގެ ދަށުން ކުރިއަށް ގެންދިޔަ މި ޙަރަކާތަކީ ބީއެމްއެލް އިން ބުނާ ގޮތުގައި މި ހިނގާ ފެބްރުއަރީ މަހުގެ ކޮންމެ ދުވަހަކުވެސް މުޖުތަމަޢުއަށް ފައިދާކުރުވަނިވި ޙަރަކާތެއް ހިންގުމަށް ބޭންކް އިން ރާވާފައިވާ 28 ދުވަހުގެ ޕްރޮގްރާމްތަކުގެ ތެރެއިން ޙަރަކާތެއް ކަމަށެވެ.

އެގޮތުން ބީއެމްއެލް އިން ކުރިއަށް ގެންދިޔަ ބްލަޑް ޑޮނޭޝަން ކޭމްޕް ގައި އެކުންފުނީގެ 30 އަށްވުރެ ގިނަ މުވައްޒަފުން ވަނީ ލޭ ހަދިޔާ ކޮށްފައެވެ. އެޕްރޮގްރާމްގައި ހަދިޔާ ކުރި ލޭ ބޭނުން ކުރެވޭނީ ތެލެސީމިއާ ކުދިންނަށް ކަމަށް ބީއެމްއެލް އިން މަޢުލޫމާތު ދޭ ކަމަށް ވީއެފްޕީ ނޫހުން ރިޕޯޓް ކުރެއެވެ.

ހޯމަ ދުވަހު ބޭއްވި މި ޙަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ ސީ ޓްރެކްސް ބިލްޑިންގް ގައި ހުންނަ ބީއެމްއެލް ގެ ކޮންފަރެންސް ހޯލްގައެވެ. އަދި "އަހަރެންގެ ބޭންކް" އިން ވަނީ މި ޕްރޮގްރާމްގައި ބައިވެރިވި ހުރިހާ މުވައްޒަފުންނަށް ޚާއްސަ ހަދިޔާއެއް ދީފައެވެ.