މިއަދު އަޅުގަނޑުމެން ކޮންމެ ދިމާލަކަށް ބަލާލި ކަމުގައި ވިޔަސް މީޑިޔާއިން ފެންނަމުން ނުވަތަ އަޑުއިވެމުން ދަނީ އަޅުގަނޑުމެން ދުވަހަކުވެސް މި ރާއްޖެއިން ދެކެން ބޭނުންވި ނުވަތަ އަޑުއަހަން ބޭނުންވި ހަބަރުތަކެއް ނޫނެވެ.
ކުޑަ ކުދިންނާއި ގަދަކަމުން ބަދުއަޙްލަޤީ އަމަލު ހިންގުން، މީހުން މެރުން، ލޫޓްވުން މަގުފޭރުން، ވައްކަންކުރުން އަދި ގަވާއިދާއި ގާނޫނަށް ތަބާވާނުވާ ހަބަރުތަކެވެ. މީގެ އެންމެ ބޮޑަށް ހިތާކަމަކުރަންޖެހޭ ކަމަކީ މިފަދަ ކުށްތަކުގައި އުމުރު ހަމަނުވާ ކުޑަކުދިން ހިމެނޭކަމެވެ. މީގެ އިތުރުން ޅަފުރައިގެ ކުދިން ބެލެނިވެރިން މޫނުމަތީ ޒުވާބު ކުރުމާއި ބެލެނިވެރިންނަށް ކުރަންވާ އިޙްތިރާމް ނުކުރުމަކީ މިހާރު ފެންނަމުންދާ ހިތާމަވެރި މަންޒަރެކެވެ.
ކުދިން މިފަދަ ކުށްތަކަށް އަރައިގަންނަ މައިގަނޑު ބައެއް ސަބަބުތަކަށް ބަލާލާއިރު ކުދިންނަށް ބެލެވެރިންގެ ފަރާތުން ލިބެންވާ ލޯތްބާއި އޯގާތެރިކަން ނުލިބުން، އިހުމާލު، ކުދިންނަށް ރަގަޅު ތަރުބިއްޔަތު ނުލިބުން ،ގޭތެރެއިން ނަމޫނާއަކަށް އެންމެ ގާތުން ފެންނަފަރާތްތަކުގެ ޢަމަލް ހުންނަގޮތް، ރައްޓެހިންގެ ނުފޫޒްގެ އަދި މީޑިޔާގެ ސަބަބު ހިމެނެއެވެ.
މިފަދަ ނޭދެވޭ އަމަލުތައް ހުއްޓުވުމަށް ބެލެނިވެރިން ވިސްނަންޖެހޭ ބައެއް ކަންކަމުގެ ތެރޭގައި :
ކޮންމެ ކުއްޖެއްވެސް ދުނިޔާއަށް އަންނަނީ ފިޠްރަތުގެ ސާފްކަންމަތީގައިކަން ކަށަވަރެވެ. ﷲ ސުބުޙާނަހޫ އެކަލޭގެފާނަށް ރަހުމަތްލެއްވި އަލްއިމާމުލް ޣަޒާލީ ވިދާޅުވެފައިވެއެވެ. "ކުޑަ ކުއްޖަކީ އޭނާގެ މައިބަފައިންގެ ޙަވާލުގައި މާތް ﷲ ލައްވާފައިވާ އަމާނާތެކެވެ. އޭނާގެ ހިތް ތާޙިރު، އަގުބޮޑު ޖަވާހިރެއް ފަދައެވެ. އެހިތުގައި އެއްވެސް އެއްޗެއް ބިންވަޅު ނެގިފައެއް ނުވެއެވެ."
ކުއްޖާ ދުނިޔެއަށް އުފަންވުމަށްފަހު ކުއްޖާ ތަރުބިއްޔަތު ކުރުމުގެ އެންމެ ބޮޑު މަސްޢޫލިއްޔަތެއް އުފުލަންޖެހޭ ބަޔަކީ ކުއްޖާގެ މައިންބަފައިންނެވެ. ކުދިން ރަގަޅުގޮތުގައި ތަރުބިއްޔަތު ކުރުމުގައި ބެލެނިވެރިން ވިސްނަންޖެހޭ ކަންތައް ގިނައެވެ. އެގޮތުން ރަގަޅު ތަރުބިއްޔަތެއް ކުރުމުގައި ކުއްޖާ އެންމެ ތުއްތު އިރުއްސުރެ ކުއްޖާއަށް އުމުރާ ގުޅޭ ގޮތުން ރަގަޅު ކަންތައް ތަކާއި ނުރަގަޅު ކަންތައްތައް ކިޔައިދޭން ޖެހެއެވެ. ކުދިންނާއި ގާތް ގުޅުމެއް އުފައްދައި ، ކުދިންނާއި ވާހަކަތައް ހިއްސާކޮށް ކުދިންގެ އިތުބާރުލިބޭ ފަދަ މާހައުލެއް ގާއިމްކުރުން ވަރަށް މުހިއްމެވެ.
ދަރިފުޅާއި މުހާތަބު ކުރާއިރު ޝައުގުވެރިކަން ދެއްކުން ، ދެކޭވޭ ވާހަކަ އާއި ގުޅޭގޮތުން ސުވާލުކުރުން، ދައްކާ ވާހަކަ ކަނުލާ އަޑު އެހުން ، ކުއްޖާގެ އިހްސާސްތަކަށް ސަމާލުވުން އަދި ކުއްޖާ ކަންކަމާއި ދޭތެރޭ ދެކޭގޮތާއި މެދު ބެލެނިވެރިން ސަމާލުކަން ދިނުން މުހިއްމެވެ. ކުއްޖާގެ ކަންކަމުގައި މަންމައާއި ބައްޕަގެ ނުވަތަ ޢާއިލާގެ އެހެންމީހުންގެ ޚިޔާލުތަފާތުވާފަހަރުވެސް އެމީހަކަށް ފެނުނު ގޮތަކަށް އެމީހަކު ކުއްޖާއާއި މެދު ޢަމަލު ބެހެއްޓުމުގެ ބަދަލުގައި ކޮންމެ މީހަކުވެސް އަނެކެއްގެ ޚިޔާލަށް އިޙްތިރާމް ކުރުމާއެކު ޚިޔާލުތަފާތު ވި ދެފަރާތް މަޝްވަރާކޮށް ދެފަރާތް އެއްބަސްވެވޭ އެންމެ ރަގަޅުގޮތަކަށް އެކަމެއްނިންމުން ހަމައެއާއިއެކު ކުއްޖާ ކުރާ ރަގަޅު ކަންތައް ފާހަގަކޮށް ހިތްވަރުދިނުމުން ބެލެނިވެރިޔާއާއި ކުއްޖާއާއި ދެމެދު ރަގަޅު ގުޅުމެއް އުފެދިގެންދާނެއެވެ.
މިފަދަ ގާތްގުޅުން ދަރިފުޅާއި ބެލެނިވެރިޔާއާއި ދެމެދު އުފެދިއްޖެނަމަ ދިމާވާ ކަންކަމުގައި ކުދިން ބެލެނިވެރިންނާއި ވާހަކަތައް ހިއްސާކޮށް ، ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުމަށް ކުއްޖާއަށް ދަސްވެ ، ކުއްޖާގެ އަމިއްލަ ނަފްސަށާއި ބެލެނިވެރިންނަށް އޮންނަ އިތުބާރު ބޮޑުވެގެންދާނެއެވެ.
ރަގަޅު ތަރުބިއްޔަތެއް ކުރުމުގައި މައިބަފައިން ކުދިންނަށް ރަގަޅު ނަމޫނާއަކަށްވުން ވަރަށް މުހިއްމެވެ. ކުދިން ގިނަވަގުތު ހޭދަކުރަނީ މައިބަފައިންނާއި އެކު ކަމަށް ވާނަމަ އެކުދިން ދަސްކުރާނީ އެމީހުންގެ ފަރާތުން ފެންނަކަންތަކެވެ. ކުދިން ކައިރީގައި ނުކުރާށޭ ބުނާކަންތައް ބެލެނިވެރިން ކުރާނަމަ ކުދިންނަށް އެކަންތަށް ގަބޫލް ކުރަން ދަތިވާނެއެވެ. އެހެންކަމުން ބުނެވޭ ބަހާއި މެދު ސަމާލުވާން ކޮންމެހެންޖެހެއެވެ. މިސާލު: "ދަރިފުޅާ ސިނގްރޭޓް ނުބޯތި" މިހެން ބުނާއިރު ބައްޕަ ސިނގްރޭޓް ބޯކަން ކުއްޖާއަށް އެގުން، ނަމާދަށް ބަންގި ގޮވުމުން ދަރިފުޅަށް ގޮވާފައި ނަމާދަށް ދާން ބުނާއިރު މައިންބަފައިން ނަމާދަށް އަވަސްވެގަންނަތަން ކުއްޖާއަށް ނުފެނެއެވެ.
ކުދިން ކައިރީގައި ތެދުބުނުން ، އާއިލާތެރޭގައި ލޯތްބާއި އަޅާލުން ގާއިމްކުރުން ، އާއިލާތެރޭގައި އެކަކު އަނެކަކަށް އިޙްތިރާމްކުރުމާއި ކުއްޖާގެ ދިރިއުޅުމުގައި ޝާމިލްވެ ، މަސްއޫލުވެ އުޅުން ، ކުއްޖާއަށް ކަންތައްތަކާއި މެދު ރަގަޅު ގޮތުގައި ދެކެން ދަސްކޮށްދިނުން އަދި އާއިލީ މާހައުލަކީ ޖުމްލަ ގޮތެއްގައި އުފާވެރި މާހައުލަކަށް ހެދުމެވެ. ގޭތެރޭގެ މަސައްކަތުގައި ކުދިންނަށް ވާވަރުގެ ކަންތައް ކުރުމުގެ ފުރުޞަތު ކުދިންނަށް ދީގެން ކެތްތެރިކަމާއި އެކު އެކުދިންވެސް ބައިވެރިކޮށްގެން ޓީމެއްގެ ގޮތުގައި ޝައުޤުވެރިކަމާއި ހިތްހަމަޖެހުމާއި އެކު ކަންތައް ކުރުމަކީ މުހިއްމުކަމެކެވެ.
ދުނިޔޭގެ ވަގުތީ އަދި މާއްދީ ކަންތަކަށް ލޯބިކުރުމުގެ ބަދަލުގައި، ލިބޭ ހުރިހާ ހުސްވަގުތެއް މުނިފޫހިފިލުވަން އެއްވެސް ފައިދާއެއް އެއިން ނުކުރާނެކަންކަމުގައި ހޭދަކުރަން ދަސްކޮށްދިނުމުގެ ބަދަލުގައި ދެދުނިޔެއިންވެސް ލާބަ ލިބޭފަދަ ކަންކަން ކޮށްގެން ހިތަހަމަޖެހުން ހޯދަން ކުދިންނަށް ދަސްކޮށްދޭން ޖެހެވެ. މިސާލެއްގެ ގޮތުން ހުސްވަގުތު ހަމައެކަނި ކޮންމެވެސް ގޭމެއް ކުޅެން ނުވަތަ ފިލްމެއް ބަލަން ދުއްވާލުމުގެ ބަދަލުގައި ޝައުޤުވެރިކަން ހުންނަ އާމްދަނީ އެއްހޯދުމަށްވެސް އެކުދިންނަށް ދަސްކޮށްދެވިދާނެއެވެ.
ޒަމާން ތަރައްޤީވެ ވަސީލަތްތައް ތިޔާގިވެ ކޮންމެ ގެޔެއްގައި އިންޓެނެޓް ، ކޭބަލް ޓީވީ ، ވީޑިއޯ ގޭމްސް ، ނޫސް މަޖައްލާ ވަރަށް ފަސޭހައިން ލިބޭނެ ގޮތްވަނީ ހަމަޖެހިފައެވެ. މިފަދަ ވަސީލަތްތައް ބޮޑެތި މީހުންނެކޭ އެއްފަދައިން ކުދިންނަށް ލިބުމުގައި އެއްވެސް ހުރައެއް ނެތްކަން ފާހަގަކުރަމެވެ. މިފަދަ ތަރައްޤީވެފައިވާ ދުވަސްވަރެއްގައި ބެލެނިވެރިން ވިސްނަންޖެހޭ ކަންތައް އެބަހުއްޓެވެ.
އެގޮތުން ކުދިން އިންޓަނެޓް އިން ކުރަނީ ކޮންކަމެއް ތޯ ގާތުން ބަލައި މޮނީޓަރ ކުރަންޖެހެއެވެ. އިންޓަނެޓުން ކުދިންނަށް އަގުހުރި މަޢުލޫމާތުތަކަކާއި މުހިއްމު ފިލާވަޅުތައް ލިބެން ހުންނައިރު ހަމައެއާއެކު އެކުދިންގެ މުޅި މުސްތަޤްބަލް އޭގެ ސަބަބުން ބަނަވެގެންދާފަދަ ނޭދެވޭ އަސަރު ފޯރާފަދަ ތަކެތި ހުންނަކަމާމެދުވެސް ބެލެނިވެރިން ވަރަށް ބޮޑަށް ހޭލުންތެރި ވާންޖެހެއެވެ.
ޓީވީ އިން ކުދިން ބަލަނީ އުމުރާއި ގުޅޭ މަންޒަރުތޯ ބެލުން މުހިއްމެވެ. އެއީ ކުދިންނަށް ފެންނަ މަންޒަރުތަކާއި ކަންތައް ތަކަކީ ކުދިން ތަޖުރިބާ ކުރަން ބޭނުންވާނެ ކަންތައްތަކަށް ވާތީއެވެ. ޓީވީ ނުވަތަ އިންޓަނެޓަކީ ބެލެނިވެރިން އަވަދިނެތި އުޅޭވަގުތު ކުދިންގެ އުދަގުލުން ސަލާމަތްވާން ބޭނުންކުރާ ވަޞީލަތަކަށް ހެދުމުގެ ބަދަލުގައި ކުދިންނަށް އަގުހުރި ފައިދާހުރި އަދި ބެލެނިވެރިންނާއި ޙިއްޞާވެގެން ބޭނުންކުރެވޭ މުހިއްމު ވަޞީލަތަކަށް ހެދިއްޖެނަމަ މިއީ ބެލެނިވެރިންނަށް ކުދިން ރަގަޅުގޮތުގައި ތަރުބިއްޔަތުކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިއްބައިދޭ ވަޞީލަތައް ވެގެން ދާނެކަން ޔަޤީނެވެ.