ރައްޔިތުންގެ މަޖިލީހަށް ސިނގިރޭޓު، އެނާޖީ ޑްރިންކް އަދި ސޮފްޓު ޑްރިންކުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމަށް ހުށައެޅުނު އިސްލާހު މިއަދު މަޖިލީހުން ބަލައިގެންފިއެވެ.
މިއިސްލާހު ފާސްވުމާއި ގުޅިގެން ދެން ސިނގިރޭޓު ފޮށްޓެއް ލިބޭނީ 90 ރުފިޔާއަށް މައްޗަށް އަރައިގެން ދާނެއެވެ. އަދި މިހާރު 15 އާއި 20 ރުފިޔާއާ ދެމެދު ލިބެން ހުރި އެނާޖީ ޑްރިންކް ދަޅެއްގެ އަގުވެސް ވަރަށް ބޮޑަށް އުފުލިގެންދާނެއެވެ.
ވޯޓުގައި ބައިވެރިވި 51 މެމްބަރުން އިސްލާހު ބަލައިގަންނަން ވޯޓު ދީފައިވެއެވެ. އިސްލާހާއި ދެކޮޅަށް ވޯޓު ދީފައިވަނީ އެންމެ 9 މެމްބަރުންނެވެ.
ބިލަށް ބަހުސް ކުރަމުން ވިލިމާފަންނު ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ޕީޖީ ގްރޫޕް ލީޑަރު އަހުމަދު ނިހާން ހުސައިންމަނިކު ވިދާޅުވެފައިވަނީ ސިނގިރޭޓު ފޮށްޓެއްގެ އަގު 200 ރުފިޔާއަށް މަތިކުރަން ވޯޓު ދޭންވެސް ތައްޔާރަށް ހުރި ކަމަށެވެ.