Last Updated: June 27, 13:13
Saturday, June 27, 2026
ކުޅިވަރު

ބޯންމައުތް ބަލިކޮށް ސިޓީ ދެވަނައަށް

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ އަދި އޭއެފްސީ ބޯންމައުތް ބައްދަލުކުރި މެޗު 0-2 އިން ސިޓީ ކާމިޔާބުކޮށް ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.

ކުރިން ދެވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް ލިވަޕޫލް އަތުން ބަލިވެ ލިބުނު ނާކާމިޔާބީގެ ބޭނުން ރޭ ސިޓީއިން ވަނީ ހިފައި ޗެލްސީއާ ދެމެދު އޮތް ފަރަގު 8 ޕޮއިންޓަށް ކުޑަ ކޮށްފައެވެ.

މެޗުގެ ފުރަތަމަ ގޯލު 29 ވަނަ މިނެޓުގައި ޖަހާފައިވަނީ ރަހީމް ސްޓާލިންގްއެވެ. ސީޒަނުގެ ކުރީކޮޅުގައި ރަނގަޅު ކުޅުމެއް ދެއްކި ސްޓާލިންގ ވަނީ ފާއިތުވި މަސްތަކުގައި ކުޅުން ދަށްވެ ގިނަ ބަޔެއްގެ ފާޑުކިޔުންތަކުގެ އަމާޒަކަށްވެފައެވެ.

ސިޓީއިން އިތުރު ގޯލެއް ޖެހުމުގެ މަސައްކަތުގައި ފުރަތަމަ ހާފުގެ ބާކީ ވަގުތުކޮޅުގައި މަސައްކަތްކުރި ނަމަވެސް ހާފު ނިމިގެން ގޮސްފައިވަނީ އިތުރު ގޯލެއް ނުފެނި 0-1 އިން ލީޑުގައި އޮވެގެނެވެ.

މެޗުގެ ދެވަނަ ހާފުގައި ބޯންމައުތް އިން އެއްވަރު ކުރަން ކުރި މަސައްކަތް ނާކާމިޔާބުވެ ހިތްވަރު ގެއްލުނީ 69 ވަނަ މިނެޓުގައި މިންގްސް އަތުން ބައިކޮޅަށް ވަން ގޯލާއެކު ސިޓީ ލީޑު ނެގުމުންނެވެ.

މިމެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ސިޓީ ވަނީ އެއްވަނައިގައި އޮތް ޗެލްސީއާއި 8 ޕޮއިންޓު ފަހަތުގައި މަޑުކޮށްލާފައެވެ. ޗެލްސީ ކޯޗު، ކޮންޓޭ ބުނެފައިވަނީ ލީގުގެ މިހާ ހިސާބުގައި ލީގު ލިބުނީ ކަމަށް ބަލައިގެން އޭނާ ފަސޭހަ ނުކުރާނެ ކަމަށެވެ. އަދި ކުރިއަށް އޮތް މެޗުތަކުގައި އިތުރަށް މަސައްކަތް ކުރާނެ ކަމަށް ކޮންޓޭ ވަނީ ބުނެފައެވެ.