އެކްސް މެން ފިލްމުން ގިނަ ބަޔެއްގެ ލޯބި ހޯދާފައިވާ އެމެރިކާގެ ފިލްމީ ތަރި ހިއުގް ޖެކްމެން ކެންސަރާއި ހަނގުރާމަ ކުރަމުންދާ ކަމަށް އިންސްޓަގްރާމް ޕޯސްޓެއްގައި ކަށަވަރުކޮށްދީފިއެވެ.
ޖެކްމެންގެ އިންސްޓަގްރަމް ޕޯސްޓެއްގައި މިއަދު ބުނެފައިވަނީ ބޭސަލް ސެލް ކާސިނޯމާ(ބީސީސީ) އަނެއްކާވެސް ޖެހިފައިވާ ކަމަށެވެ. ނަމަވެސް ގަވާއިދުން ހަށިގަނޑު ޗެކްކޮށް، ޑޮކްޓަރުންގެ ބުރަ މަސައްކަތުން އޭނާގެ ހާލު ރަނގަޅު ކަމަށް ޖެކްމަން ބުނެފައިވެއެވެ.
ބީސީސީ އަކީ ހަމުގެ ކެންސަރެއްގެ ބާވަތެވެ. މިއީ ޖެކްމަންއާއި ކެންސަރާއި ކުރިމަތިލާން ޖެހުނު ހަ ވަނަ ފަހަރެވެ. ޖެކްމަން އަށް ފުރަތަމަ ފަހަރަށް ކެންސަރު ޖެހިފައިވާ ކަން އެނގިފައިވަނީ 2013 ވަނަ އަހަރުގައެވެ.
ޖެކްމަން ވަނީ 2013 ވަނަ އަހަރުން ފެށިގެން ކޮންމެ ފަހަރަކު ބޭސްފަރުވާއަށް ފަހު އޭނާގެ ހާލަތު ސޯޝަލް މީޑިޔާ މެދުވެރިކޮށް އަންގަމުންނެވެ. އަދި ގަވާއިދުން ޗެކަޕް ހެދުމަށާއި ސަންސްކްރީން ބޭނުންކުރުމަށް ކޮންމެ ފަހަރަކު ނަސޭހަތްތެރިވެއެވެ.
އޭނާގެ ފިލްމް، ލޯގަން އަންނަ މާޗް މަހުގެ 2 ވަނަ ދުވަހު ސިނަމާ ތަކުގައި އަޅުވާނެއެވެ. ޖެކްމަން ބުނެފައިވަނީ މިއީ އޭނާގެ ފަހު އެކްސްމެން ފިލްމު ކަމަށެވެ.