ސަރުކާރުގެ ބޮޑެތި ބައެއް ކުންފުނި ތަކުގެ ރިޒާވުގައި ފައިސާ ނެތް ކަމަށް އަޑުފެތުރެމުންދާއިރު އެމައްސަލަ އަކީ ބެލެން ޖެހޭ ކަމެއް ކަމުގައި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ނައިބު ލީޑަރު މިއަދު މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ބޭއްވުނު ބައްދަލުވުމެއްގައި ބުނެފައިވަނީ ކުރީގައި 50 މިލިއަނާއި 100 މިލިއަން ރުފިޔާގެ ރިޒާވް ހުރި ބައެއް ކުންފުނި ތަކުގެ ރިޒާވް މިހާރު ވަނީ "ހުސްވެފައި" ކަމަށެވެ.
ސަރުކާރުގެ ބައެއް ކުންފުނިތައް ހިންގުމާއި ހަވާލުވެގެން ތިބި ބޭފުޅުން ފެއިލް ވެފައިވާކަމަށް އިޝާރާތްކޮށް ރިޔާޒް ބުނެފައިވަނީ ރައީސް ޔާމިން ހެޔޮ ނިޔަތުގައި ކަން ކުރެއްވި ނަމަވެސް ކުންފުނި ހިންގަން ތިބި ބޭފުޅުން ނުބައި ނިޔަތުގައި ކަންތައް ކުރަމުންދާ ކަމަށެވެ.
ކުންފުނިތަކުގެ ތަފްސީލެއް ރިޔާޒް ދީފައި ނުވާއިރު ބައެއް ކުންފުނި ތަކުން އިސްރާފުވާ ގޮތަށް ތަކެތި ގަތުމުގައި ހޭދަކުރާކަމަށް ރިޔާޒް ބުނެފައިވެއެވެ. އެގޮތުން ބައެއް ކުންފުނިތަކުން ވެހިކަލް ފަދަ އެއްޗެހި ބޭރުން ގަންނައިރު އެތައް މިލިއަން ރުފިޔާގެ ބޭކާރު ޚަރަދު ބޭނުން ނުވާ ތަކެއްޗަށް ޚަރަދު ކޮށްފައި ހުރިކަމަށް ރިޔާޒް ބުނެފައިވެއެވެ.
އަދި ލޯނު ނަގައިގެން އެއްޗެހި ގަނެފައިވާ ކަމަށާއި މިފަދަ ކަންތައްތަކަކީ ދައުލަތުން ޒިންމާ ވާން ޖެހޭ ފަދަ ކަންތައްތައް ކަމަށް ބުނެ ރިޔާޒް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކޮމިޓީ ބައްދަލުވުމުގައި އިތުރަށް ވާހަކަ ދައްކަމުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ ވަނީ ރިޔާޒްގެ ވާހަކަ އަށް އަލިއަޅުވަމުން ސަރުކާރުގެ ބައެއް ކުންފުނިތައް ކަމަށްވާ އެމްއާރްޑީސީ، އެމްޕީއެލް އަދި އެމްޓީސީސީ އިން ލޯނު ނަގައިގެން ބޭރުން ވެހިކަލްތައް ގެނެސްފައިވާއިރު ސަރުކާރުން ބޭންކު ގެރެންޓީއެއް ދިންތޯ ނުވަތަ އެކަން ހިނގިގޮތުގެ ތަފްސީލު ހޯދަން ޖެހޭ ކަމަށް ބުނެފައެވެ.
ޖަލްސާގައި ވާހަކަ ދައްކަވަމުން ކޮމިޓީގެ މުގައްރިރު، ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެފައިވަނީ މާލިއްޔަތު ކޮމިޓީއަށް ވީ މިންވަރަކުން ސަރުކާރު ކުންފުނިތައް ހަރުދަނާ ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.