ބެޔާން މިއުނިކްގެ ތަރި އަރްޔެން ރޮބެން މާގިނައިން އާސެނަލްއާއި ދެކޮޅަށް ކުޅެން ޖެހުމުން ފޫހިވެއްޖެ ކަމަށް ބުނެފިއެވެ.
ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި އާސެނަލްގެ އެންމެ ގާތް އެކުވެރިއަކަށް ވެފައިވަނީ ބެޔާންއެވެ. އެގޮތުން ފާއިތުވެދިޔަ ހަތަރު ސީޒަނުގައި ތިން ފަހަރު ބެޔާން ވަނީ އާސެނަލްއާއި ދެކޮޅަށް ކުޅެފައެވެ.
ބެޔާން އަށް އާސެނަލް ބަލިކުރަން މާޒީގައި އުނދަގޫ ވެފައިވިނަމަވެސް އާސެނަލްއަށް ބެޔާން ބަލިކޮށް ކުއާޓާއަށް ދެވޭ ގޮތެއް ވަނީ ނުވެފައެވެ. ބެޔާންގެ ރެކޯޑު ދަމަހައްޓަން މިރޭ ނިކުންނަ އިރު ރޮބެން ބުނެފައިވަނީ އޭނާގެ އަތް މަތީ އޮތް ކަމެއް ނަމަ އެހެން ޓީމަކާއި ދެކޮޅަށް ކުޅެން ބޭނުން ކަމަށެވެ.
މިސާލަކަށް އޭނާ ބުނެފައިވަނީ ލެސްޓާ އެވެ. ލީގުގައި ލެސްޓާ އަށް މިއަހަރު މޮޅެއް ލިބިފައިނުވި ނަމަވެސް ލެސްޓާ ވަނީ ޗެމްޕިއަންސް ލީގުގައި ރަނގަޅު ފޯމެއް ދައްކާފައެވެ.
ރޮބެން ބުނެފައިވަނީ ލެސްޓާ އާ ކުޅެން ބޭނުން ވަނީ އެމީހުން ފަސޭހަ ވާނެ ކަމަށް ބަލައިގެން ނޫން ކަމަށެވެ. އަދި އެމީހުން އުނދަގޫ ވާނެ ކަމަށްވެސް ނުބަލާ ކަމަށާއި އެމީހުންނާ ކުޅެން ބޭނުންވަނީ ތަފާތު ޓީމަކަށް ވާތީ ކަމަށެވެ.
އާސެނަލްގެ ކޯޗު އާސެން ވެންގާ ވަނީ ގްރޫޕް ސްޓޭޖާއި އެއްގޮތަށް ބެޔާން އާއި ދެކޮޅަށް ކުޅުމަށްވެސް އެއް ނަމްބަރު ކީޕަރުގެ ޗެކް ގެ ބަދަލުގައި ޑޭވިޑް އޮސްޕީނާ ނަގާފައެވެ.