އައްޑޫގައި ހިންގަމުން އަންނަ ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުން މަދު ކުރުމަށް މުވައްޒަފުން ވަޒީފާއިން ވަކި ކުރަން އުޅޭތީ މުވައްޒަފުން ކަންބޮޑުވުން ފާޅު ކުރަން ފަށައިފި އެވެ.
"އައްޑޫ ލައިވް"އަށް އެނގިފައިވާ ގޮތުގައި އިއްޔެ ވެސް އެ ރިސޯޓްގެ ލޯންޑްރީގައި މަސައްކަތް ކުރާ ހުޅުމީދޫ މުވައްޒަފަކު ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.
އެ ރިސޯޓްގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ މުވައްޒަފުން ބުނީ ރިސޯޓުން ދިވެހިންނާއި ބޭރު މީހުންގެ ތަފާތު ގެންގުޅޭ އިރު މިހާރު މަސައްކަތް ކުރަމުން ދަނީ އެތަނުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންގެ ތެރެއިން 64 މުވައްޒަފަކު ކޮންޓްރެކްޓް އާކޮށް ނުދީ ފޮނުވާލަން ކަމަށެވެ.
"ބޮޑު ލިސްޓެއް އެބަ އޮތް ފޮނުވާލަން ބޭނުންވާ ދިވެހި މުވައްޒަފުން، އެ މީހުން އުޅެނީ މުވައްޒަފުންގެ ކޮންޓްރެކްޓް އާކޮށް ނުދީ ފޮނުވާލަން،" އޭނާ ބުންޏެވެ.

އިންތިހާއަށް ތަފާތު ކުރުން ގެންގުޅޭ ޝަންގްރިއްލާގައި މިހާރުވެސް ޓޫރިޒަމް ގަވާއިދާއި ހިލާފަށް ދިވެހި މުވައްޒަފުންނަށް ވުރެ ގިނައީ ބިދޭސީ މުވައްޒަފުންނެވެ. މައުލޫމާތު ލިބޭ ގޮތުގައި އެރަށުގެ 50 ޕަސެންޓަށް ވުރެ ބިދޭސީ މުވައްޒަފުންގެ އަދަދު ގިނައެވެ.
"އައްޑޫލައިވް" އާއި ވާހަކަ ދެއްކި މުވައްޒަފުން ބުނީ މުސާރައިގެ ވެސް ބޮޑު ތަފާތުތަކެއް ދިވެހިންނާއި ބިދޭސީ މުވައްޒަފުންނާ ދެމެދު ގެންގުޅޭ ކަމަށެވެ.
"ސާވިސް ލީޑަ ދިވެހި މުވައްޒަފަށް 500 ޑޮލަރު ބިދޭސީ މީހާއަށް 800 ޑޮލަރު، ސީނިއާ އެއްވެސް މަގާމެއް ދިވެއްސަކަށް ނުދޭ، އަނެއް ކޮޅުން ބިދޭސީންގެ މުސާރައިން ރެމިޓެންސް ފީ ނަގަން ފެށީމާ އެމީހުންނަށް އިތުރަށް 40 ޑޮލަރު ދޭން ފަށައިފި، އެއްވެސް އިންސާފެއް ހަމައެއް ނޯވޭ،" އޭނާ ބުންޏެވެ.
ޝަންގްރިއްލާ ރިސޯޓްގެ ޖެނެރަލް މެނޭޖަރަަކަށް އިންޑިއާ މީހަކު އައުމާއި ގުޅިގެން ރިސޯޓްގައި އިންޑިއާ މީހުންގެ ނުފޫޒް ވަނީ އިންތިހާއަށް ގަދަވެފައެވެ.
މީގެ އަހަރެއްހާ ދުވަސް ކުރިން ޝަންގްރިއްލާގައި ހުންނަ ސިފާނީ ޖުވެލަރީޒް ފަޅާލައި ވައްކަން ކުރި މައްސަލާގައިވެސް އެތަނުގައި މަސައްކަތް ކުރާ އައްޑޫގެ ހަތަރު މުވައްޒަފަކު ފުލުހުންނާއި ހަވާލުކޮށް 3 މަސް ދުވަސްވަންދެން ބަންދުކުރި ފަހުން އެކަން ކުރި މީހުންވެސް ރިސޯޓަށް ފަޅާއެރި އިރު އެމީހުން ވަނީ ރިސޯޓުން ފުރައިގެން ގޮސްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީވެސް ބިދޭސީން ތަކެކެވެ.

ޝަންގްރިއްލާއިން ގިނަ އަދަދެއްގެ މުވައްޒަފުން ވަކި ކުރަން އުޅޭ ކަމުގެ ހަބަރު ފެތުރުމާއި ގުޅިގެން ގިނަ މުވައްޒަފުން ތިބީ ކަންބޮޑުވުމެއްގެ ތެރޭގައެވެ. މުސާރަ އާއި އެހެނިހެން ކަންކަމުގައި ތަފާތު ގެންގުޅޭތީ މުވައްޒަފުން ތިބީ ކުރާނެ ކަމެއް ނޭގި ގޮތް ހުސްވެފައެވެ.
ނަމަވެސް ޝަންގްރިއްލާާ އިން މިހުރިހާ ވާހަކަތެއް ވަނީ ދޮގުކޮށްފައެވެ. ޝަންގްރިއްލާއިން ބުނީ އެއްވެސް މުވައްޒަފަކު ވަކި ކުރަން މަސައްކަތް ނުކުރާ ކަމަށާއި އެކަހަލަ އެއްވެސް ޕްލޭނެއް ނެތް ކަމަށެވެ.