ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މި ފެބްރުއަރީ މަހު ކުރިއަށް ގެންދާ "އަހަރެންގެ ބޭންކް" ކެމްޕެއިންގެ ދަށުން ކެއާ ސޮސައިޓީ އަށް 150،000 ރުފިޔާގެ ފައިސާގެ އެހީއެއް ދީފިއެވެ.
އިއްޔެ އެ ފައިސާ ކެއާ ސޮސައިޓީ އާއި ހަވާލު ކުރުމަށްޓަކައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
އެ ފައިސާ ކެއާ ސޮސައިޓީން ޚަރަދު ކުރަން ނިންމާފައި ވަނީ ސީޑީސީގެ ޕްރޮގްރާމްތަކަށާއި ކެއާ ސޮސައިޓީގެ ކުދިންނަށް ބޭނުންވާ ތަކެތި ހޯދުމަށް ކަމަށް އެ ޖަމިއްޔާއިން މަޢުލޫމާތު ދޭކަމަށް ވަގުތު އޮންލައިން އިން ރިޕޯޓް ކުރެއެވެ.
އެ ޖަމިއްޔާ އަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތަޢުލީމް އުނގަންނައިދީ އެކުފިންގެ ޙައްޤުގައި މަސައްކަތް ކުރުމުގެ މާތް މަޤްސަދުގައި އުފެއްދި ޖަމިއްޔާއެކެވެ.
އެގޮތުން ކެއާ ސޮސައިޓީ އިން ހިންގާ ކެއާ ޑިވެލޮޕްމެންޓް ސެންޓަރު (ސީޑީސީ) އަކީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށާއި މީހުންނަށް ތަޢުލީމީ އަދި އެހެނިހެން ގޮތްގޮތުން ރީހެބިލިޓޭޝަންގެ ހުނަރުތައް ދަސްކޮށް ދިނުމުގެ ކުލާސްތައް ހިންގަމުންސާ ތަނެކެވެ.
އިއްޔެ ކެއާ ސޮސައިޓީ އާއި އެހީ ޙަވާލު ކުރުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ ކަމަށްވާ އެންޑްރޫ ހީލީ، ޑެޕިއުޓީ ސީއީއޯގެ އިތުރުން ޑައިރެކްޓާ އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފް އާއި ބޭންކްގެ މުވައްޒަފުން ބައިވެރިވިއެވެ. އަދި އެ ރަސްމިއްޔާތުގައި ކެއާ ސޮސައިޓީގެ ޗެއާޕާސަން އާއި މެނޭޖްމެންޓް އަދި ކެއާ ޓްރެއިނިންގް ސެންޓަރުގެ މުދައްރިސުންގެ އިތުރުން ދަރިވަރުންވެސް ބައިވެރިވިއެވެ.