Last Updated: June 27, 13:13
Saturday, June 27, 2026
ކުޅިވަރު

ޕެރިހުގައި ބާސާ ލަދުގަންނަވާލައިފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީއާއި ބާސާ ބައްދަލުކުރި ނޮކް-އައުޓް ސްޓޭޖުގެ ފުރަތަމަ ލެގުގައި 0-4 އިން ބާސާ ބަލިކޮށް ޕީއެސްޖީ ކުއާޓާއާއި ގާތަށް ޖެހިލައިފިއެވެ.

މެޗުގެ ކުރީކޮޅުގައި ޕީއެސްޖީއިން ލަނޑު ޖަހާފައިވާއިރު ބާސާއަށް ރޭގެ މެޗުގައި އެދެވޭ ކުޅުމެއް ދެއްކިފައިނުވެއެވެ. 18 ވަނަ މިނެޓުގައި ޑި މަރިއާ ފުރަތަމަ ގޯލު ޖަހާފައިވާއިރު ދެވަނަ ލަނޑު ޕީއެސްޖީއަށް ކާމިޔާބުކޮށްދީފައިވަނީ ފުރަތަމަ ހާފު ނިމެން 5 މިނެޓަށް ވެފައިވަނިކޮށް ޑްރޭކްސްލާއެވެ.

ފުރަތަމަ ހާފު ލީޑުގައި އޮވެ ޕީއެސްޖީ ނިންމާލާފައިވާއިރު ދެވަނަ ހާފުގެ ފުރަތަމަ 10 މިނެޓުތެރޭ ޑި މަރިއާ ވަނީ 0-3 އަށް ލީޑު ފުޅާކޮށް ބާސާގެ އުއްމީދު ގެއްލުވާލާފައެވެ. މެޗުގެ ފަހު ގޯލު 72 ވަނަ މިނެޓުގައި ޖަހާފައިވަނީ އެޑީ ކަވާނީއެވެ.

ބާސާއަށް އެވޭ ގޯލެއްވެސް ރޭގެ މެޗުގައި ޖެހިފައިނުވާއިރު މާޗް މަހުގައި ނޫ ކޭމްޕުގައި ކުޅޭ މެޗުގައި މެޗުން މޮޅުވުމަށް 5 ގޯލު ޖަހަން ޖެހޭނެއެވެ. ނަމަވެސް ޕީއެސްޖީ ގޯލެއް ޖަހައިފިނަމަ އެވޭ ގޯލުގެ ސަބަބުން ބާސާ ކަޓައި ޕީއެސްޖީ ކުއާޓާއަށް ދާނެއެވެ. މި ސީޒަނުގެ ޗެމްޕިއަންސް ލީގު ކުއާޓާއަށް ހިސާބަށް ނުގޮސް ނިންމާލަން ޖެހުމުގެ ބިރު ބާސާއަށް ވަނީ ކުރިމަތިވެފައެވެ.

ރޭގައި ބެންފީކާ އަދި ބޮރޫޝިއާ ޑޯޓްމަންޑް ކުޅުނު މެޗު 0-1 އިން ބެންފިކާ ވަނީ ކާމިޔާބުކޮށްފައެވެ. 49 ވަނަ މިނެޓުގައި މިޓްރްގޫލޫގެ ގޯލަށް 10 މިނެޓު ވީއިރު ޑޯޓްމަންޑްގެ އައުބަމަޔެންގް އަށް ވަނީ ޕެނަލްޓީއެއް ލިބި ބޭކާރުވެފައެވެ. އައުބާއަށް ރޭގެ މެޗުގައި ގިނަ ހުސް ފުރުސަތުތަކެއް ލިބި އޭނާއަށް ވަނީ އެންމެ ބޯޅައެއްވެސް ގޯލުގެ ތެރެއަށް ފޮނުވާނުލެވިފައެވެ.