އިތުރު ފަރުވާއަށްޓަކައި ހުޅުމާލެ އިން މާލެ ގެންނަ ފަރާތްތައް ފެރީއަށް އެރުވުމުގެ ކުރިން ޓާމިނަލްގެ ތަޅުންމަތީ ގައި ބާއްވާ ބޭއްވުން ހުއްޓާލުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހުޅުމާލޭ ހޮސްޕިޓަލަށް އަންގައިފިއެވެ.
މާލެ ގެންދަން ފެރީއަށް އަރުވަން ގެންނަ ބަލިމީހާ އެމްބިއުލާންސް އިން ސީދާ ފެރީއަށް އަރުވާ ގޮތަށް އާންމު އުސޫލު ހަމަޖެހިފަތި އޮތަސް، ގިނަ ފަހަރު އެހެން މީހުން ފެރީއަށް އަރައި ހަމަޖެހެންދެން، ފެރީއަށް އެރުވުމަށް ހުޅުމާލޭ ހޮސްޕިޓަލުން ގެންނަ ބަލިމީހާ އޮންނަނީ ޓާމިނަލް ގައި މީހުން ހިނގާ ތަޅުންމަތީގައި ސްޓްރެޗާއެއްގެ މަތީގައި ބާއްވާފައެވެ.
އެކަން އެގޮތަށް ހިނގީ މަޢުލޫމާތު އޮޅުމުން ކަމަށް ބެލެވޭތީ އެކަން އެގޮތަށް ނުކުރުމަށް އަންގާފައިވާ ކަމަށް އެމްޓީސީސީގެ ހުޅުމާލޭ ފެރީ އޮޕަރޭޝަން މެނޭޖަރު މުހައްމަދު ނާޒިމް އާއި ހަވާލާދީ ސަން އޮންލައިން އިން ރިޕޯޓް ކުރެއެވެ.
ބަލިމީހުން ގެންދިއުމަށްޓަކައި ވަކި ޚާޢްސަ ގޮތެއް ފެރީތަކުގައި ހަމަޖެހިފައި ނުހުންނާތީ، ބަލިމީހާ ގެނައުމަށް ވަކިން ފެރީއެއް ހަމަޖެއްސުމަކީ އެމްޓީސީސީގެ އެދުމެއް ކަމަށާއި އެޚިދުމަތް އެކުންފުނިން ދޭ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.