Last Updated: June 30, 14:08
Tuesday, June 30, 2026
ޚަބަރު

ބަނގުރަލާ އެކު ހަތަރު މީހަކު ހައްޔަރުކޮށްފި

ފޮޓޯ: ޕޮލިސް

ހުޅުމާލޭ ޕޮލިސް އާއި ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓްގެ ފުލުހުން ގުޅިގެން ކުރި މަސައްކަތުން ހުޅުމާލޭގެ ދެ ސަރަހައްދަކުން ބަނގުރާފުޅިތަކެއް ހޯދައި 4 މީހަކު ރޭ ފުލުހުން ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އޭގެ ތެރޭގައި ހިމެނެނީ 20 އަހަރާއި 24 އަހަރާއި ދެމެދު ފިރިހެނުންނެވެ.

މިމީހުންގެ ތެރެއިން 2 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މަޢުލޫމާތަކާއި ގުޅިގެން ރޭ 21:30 ހާއިރު ހަނދުވަރީ ހިނގުމުން ދިޔަ ޓެކްސީ ކާރެއް ހުއްޓުވައި ބަލައި ފާސްކުރިއިރު އެކާރުގެ ޑިކީ ތެރެއިން 14 ފުޅި ބަނގުރާ ފެނުމާއި ގުޅިގެންނެވެ. މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އެވަގުތު ކާރު ދުއްވަން އިން ޑްރައިވަރާއި ކާރުގައި އިން އިތުރު މީހެކެވެ.

ފުލުހުން ހިންގި މި އޮޕަރޭޝަނުގައި ބަނގުރަފުޅިތަކަކާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އަނެއް ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ރޭ 21:50 ހާއިރު ހުޅުމާލޭ ފެރީޓާރމިނަލް ކައިރީ ޕާރކް ތެރޭގައި ބަނގުރާގެ ވިޔަފާރި ހިންގާ ކަމަށް ތުހުމަތުކުރެވިގެން ނެވެ. އެދެމީހުން ބަލައި ފާސްކުރިއިރު ބަނގުރާފުޅިއަކާއި ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފެންހުސްކުރި ކުޑަ ފުޅިއެއް ފެނިފައިވެއެވެ.

މިމައްސަލަ ހުޅުމާލޭ ޕޮލިސް ސްޓޭޝަނުން ދަނީ ތަހްޤީޤް ކުރަމުންނެވެ.