އައްޑޫގެ އިތުރު 19 މަގެއްގައި ތާރު އަޅައިގެން ހަދަން ހަމަޖެހިފައިވާ ކަމަށާއޮ އެ މަސައްކަތް ޓެންޑަކޮށް މި މަހުގެ ތެރޭގައި ކޮންޓެކްޓަރާ ޙަވާލު ކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކްޓިވް ޢަބްދުﷲ ޒިޔާދު ޓީވީއެެމަށް ދެއްވި އިންޓަވިއުއެއްގއި ވިދަޅުވީ، އައްޑޫގައި އަލަށް ހަދާ މަގުތަކުގެ ސާވޭ އާއި އިވެލިއުއޭޝަން ނިމިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެ މަސައްކަތް ޓެންޑަ ކުރެވި މި މަހުގެ ތެރޭގައި ކެންޓެކްޓަރެއް ހޯދޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މި މަޝްރޫޢު ވަރަށް އަވަހަށް ފެށި އަންނަ އަހަރުގެ ތެރޭގައި މަގުތައް ހަދައި ނިންމާލެވޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ޒިޔާދު ވިދާޅުވި އެވެ.
އޭނާ މިހެން ވިދާޅުވި އިރު، މަގުތައް ހަދަން މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ހުޅުވާލި ބީލަން ބާތިލްކޮށް، މި މަހުގެ ތެރޭގައި ވަނީ އަލުން ބީލަމަށް ހުޅުވާލައިފަ އެވެ.
"ހަނިމަގުތައް ގިނަ ޢަދަދަކަށް އެބަހުރި. ހުރަސް މަގުތައް ބޮޑަށް ހަދަން ގަސްތުކުރަނީ. ސްކޫލާއި އޮފީސްތަކަށް އެކްސެސްވާ މަގުތަކަކީ ވާރޭ ވެހިއްޖާ ފެންބޮޑުވާ މަގުތަކެއް،" ޒިޔާދު ވިދާޅުވި އެވެ. "އެހެންކަމުން ވީހާ ވެސް ރަނގަޅަށް ޑިޒައިންކޮށް މަގުތައް ހެދުމަށް ނިންމާފައިވަނީ."
ހައުސިން މިނިސްޓްރީން ބުނީ ހުޅުމީދޫގެ މަގުތައް ހެދުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ.
"ހުޅުމީދޫގެ މަގުތަކުގެ މަސައްކަތް މިހާރުވެސް ކުރިއަށްދޭ. އެރަށު ރައްޔިތުން ބޭނުންވިގޮތަށް އިތުރު މަގެއް ހެދުމުގެ މަސައްކަތް ކުރިއަށްދޭ،" ޒިޔާދު ވިދާޅުވި އެވެ. "މިދޭތެރެއިން އެމްއާރުޑީސީގެ ބައެއް ވެހިކަލް މަރާތުކުރަން ޖެހުމުން މަސައްކަތް މަޑުޖެހުން. ނަމަވެސް އައު ވެހިކަލްތައް ގެނެސް މިހާރު މަސައްކަތް ކުރިއަށް އެބަދޭ."
އައްޑޫގެ އިތުރު މަގުތަކެއްގައި ތާރު އަޅައިގެން ހަދާ ވާހަކަ ސަރުކާރުން ދައްކަމުން އަންނަނީ 2014 ވަނަ އަހަރުން ފެށިގެންނެވެ.
އެހެން ނަމަވެސް މި މަސައްކަތް ނުފެށި ލަސްވާ އެއް ސަބަބަކީ ނަރުދަމާގެ މަސައްކަތް ނުފެށުން ކަމަށް ސަރުކާރުން ބުނެ އެވެ.