Last Updated: June 30, 14:08
Tuesday, June 30, 2026
ދުނިޔެ

އަނބިމީހާ މަރާލައި ހަށިގަނޑާ އެކު ނިދައިފި

އިންޑިއާގެ ނިއު ދިއްލީގައި އިއްޔެ ލޯބިވެރިންގެ ދުވަސް ފާހަގަ ކުރިއިރު، އިރުމަތީ ދިއްލީގެ ފުލުހުން ދިޔައީ ލޯބިވެރިޔާ މަރާލި މައްސަލައެއް ތަހުޤީގު ކުރަމުންނެވެ. އެގޮތުން ދިއްލީގެ ޕްލަމްބާއެއް (ނަރުދަމާގެ މަސައްކަތް ކުރާ މީހެއް) ވަނީ އޭނާގެ އަނބިމީހާ ގައިގައި ދަނޑިބުރިއަކުން ތަޅައި މަރާލުމަށްފަހު، މަރުވެފައިވާ ހަށިގަނޑު ކީހެއް ބޭނުންކޮށްގެން ކުދިކޮށް ކޮށާލުމަށްފަހު އެއަންހެން މީހާގެ ބޯ ކޮޓަރީގެ ސީލިންގް ގައި އެލުވާފައެވެ.

ދިއްލީގެ މަދޫ ވިހާރް ސަރަޙައްދުގައި ހިނގި މި ހާދިސާގެ ޚަބަރު ފުލުހުންނަށް ލިބިފައި ވަނީ އަންހެން މީހާގެ ހަށިގަނޑު ކުނިވެގެން ގޮސް އަވަށްޓެރިންނަށް ނުބައިވަސް ދުވަން ފެށުމުންނެވެ. މިމައްސަލައިގައި ތުހުމަތު ކުރެވިފައިވާ އުމުރުން 40 އަހަރުގެ ސުބޯދް ކުމާރް ވަނީ މަރުވެފައިވާ އޭނާގެ އަނބިމީހާ ކައިރީގައި ތިން ދުވަސް މަތިން ނިދާފައެވެ. އެއަށްފަހު އަންގާރަ ދުވަހު ހަށިގަނޑު ކޮށާފައި ތަނަކަށް އެއްލާލުމަށްޓަކައި އޭނާ ވަނީ ކީހެއް ގަނެފައެވެ.

އަވަށްޓެރިން ސުވާލު ކުރުމުން ކުމާރް ވަނީ އަނބިމީހާ މަރާލި ކަމަށް އެއްބަސްވެފައެވެ. އެއަށްފަހު ފުލުހުން ވަނީ ގަދަކަމުން އެގެއަށް ވަދެ އޭނާ ހައްޔަރު ކޮށްފައެވެ. ފުލުހުން މަޢުލޫމާތު ދޭގޮތުގައި ކުމާރް ދިރިއުޅެމުން އައީ އަންހެނުން މަނީޝާ އާއި އޭނާގެ ދެއަންހެން ކުދިންނާއިއެކު (އުމުރުން ނުވަ އަހަރާއި 12 އަހަރު) ޗަންދަރް ވިހާރްގައެވެ.

އަނބިމީހާ މަރާލުމުގެ ދެދުވަސް ކުރިން ކުމާރް ވަނީ އޭނާގެ ދެ ދަރިން މައިދައިތަމެން ގެއަށް ފޮނުވާފައެވެ. ކުމާރްގެ އަވަށްޓެރިން ބުނާ ގޮތުގައި ކުމާރް އާއި މަނީޝާގެ މެދުގައި މައްސަލަޖެހި ޒުވާބު ކުރުމަކީ އާންމު ކަމެއް ކަމަށާއި ކުމާރް އަކީ މަނީޝާ އާއި ދެ ދަރިން ގައިގައި ތަޅާ އުޅުނު މީހެއް ކަމަށެވެ.

ފުލުހުން އެމައްސަލަ ތަހުޤީގު ކުރަމުން ދަނިކޮށް ކުމާރް ވަނީ އޭނާ މީގެ ހަމަސް ދުވަސް ކުރިން ދެވަނަ ކައިވެންޏެއް ކޮށްފައިވާ ކަންވެސް ޤަބޫލު ކޮށްފައެވެ. އޭނާ ދެވަނަ އަންހެނުން ކަމަށްވާ މުނިއާ ވަނީ ކުމާރް މިހާރު ދިރިއުޅޭ ޗަންދަރް ވިހާރް ފްލެޓް އާއި ޖެހިގެން ހުރި ކޮޓަރިއަކަށް ބަދަލުވެފައެވެ.

ފުލުހުން ބުނާ ގޮތުގައި އެކައިވެނީގެ ޚަބަރު މަނީޝާއަށް އެނގުމުން ކުމާރް ވަނީ ވަރި ކުރުމަށް ބޭނުންވާ ކަމަށް ބުނެފައެވެ. މަނީޝާ މަރާލި ދުވަސް ކަމަށްވާ ހޮނިހިރު ދުވަހުވެސް އެދެމީހުން ވަނީ އަނެއްކާވެސް ޒުވާބު ކޮށްފައެވެ. އެއަށްފަހު މަނީޝާ ގައިގައި ދަނޑިބުރިއަކުން ތެޅުމަށްފަހު ކުމާރް ވަނީ އޭނާ މަރާލާފައެވެ. ދެން މަނީޝާގެ ހަށިގަނޑު އެނދުމަތީގައި ބޭއްވުމަށްފަހު، ރޭގަނޑު ކައިގެން ކުމާރް ވަނީ މަނީޝާގެ ކައިރީގައި އެނދުމަތީގައި އޮވެ ނިދާފައެވެ.

ފުލުހުން ދަނީ މިހާރު މި މައްސަލަ އިތުރަށް ތަހުޤީގު ކުރަމުންނެވެ.