Last Updated: June 12, 02:23
Thursday, June 11, 2026
ސިޔާސީ

ނަޝީދުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައެއް ނުގަތް!

އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ދަޢުލަތުން ހުޅުމާލޭ ކޯޓުގައި ކޮށްފައިވާ ދަޢުވާ އާ ގުޅޭ އިޖުރާޢީ މައްސަލަތަކަށް ހައި ކޯޓުން ކޮށްފައިވާ ޙުކުމް އިސްތިޢުނާފް ކުރުމަށް ސުޕްރީމް ކޯޓުން ހުށަހެޅުމުން އެކޯޓުން އެ މައްސަލަ ބަލައި ނުގަތް ކަމަށް ނަޝީދުގެ ގާނޫނީ ޓީމުން ބުނެފި އެވެ.

ނަޝީދުގެ ވަކީލުންގެ ޓީމްގައި ހިމެނި ވަޑައިގަންނަވާ ކުރީގެ ޔޫތު މިނިސްޓަރު ހަސަން ލަތީފު ވިދާޅުވީ، އެ މައްސަލަ ހުށަހެޅުމުން ސުޕްރީމް ކޯޓުން ޢަމަލުކޮށްފައި ވަނީ އާންމު އުސޫލުން އަމަލުކުރާ ގޮތަށް ނޫން ކަމަށެވެ.
ހަސަން ވިދާޅުވީ، މައްސަލަ ބަލައި ނުގެން ސަބަބެއްގެ ގޮތުގައި އެ ކޯޓުން ބުނެފައި ވަނީ ވަކީލުން ހަމަޖެއްސިކަމުގެ ލިޔުމާއި ވަކީލު އެކަން ބަލައިގަތް ކަމުގެ ލިޔުމުގެ ހަތް ކޮޕީ ނެތް ކަމަށް ބުނެ އެވެ.

ހަސަން ވިދާޅުވީ މީގެ ކުރިން ވެސް އެހެން މައްސަލަތަކުގައި އެފަދަ ލިޔުންތަކުގެ އެންމެ ކޮޕީއެއް ހުށަހެޅުމުން އެ މައްސަލައެއްގެ ލިޔުންތައް އެ ކޯޓުން ބަލައިގެންފައި އެބަހުރި ކަމަށާއި މި މައްސަލާގައި ތަފާތު ގޮތަކަށް އެ ކޯޓުން ޢަމަލުކޮށްފައިވާ ކަމަށެވެ.

ހަސަން އިތުރަށް ވިދާޅުވީ ހަތް ކޮޕީ ނެތި ބަލައި ނުގަނެވޭނޭ ކަމަށް ކައުންޓަރުން އެންގީ ވެސް ވަގުތު ކުޑަތަންވެފައި ވަނިކޮށް ކަމަށެވެ. އަދި ހަތް ކޮޕީ ހައްދައިގެން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގެންނަނީ ކަމަށް ބުނުމުން ކައުންޓަރުން ބަންދުކޮށްފައިވާ ކަމަށް ބުނެ ބަލައިގެންފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި މައްސަލަ ހުށަހެޅުމަށް މިހާރު ވެސް މަސައްކަތް ކުރެވެމުން ދާއިރު، ރައީސް ނަޝީދުގެ ޝަރީޢަތުގެ އަޑު އެހުމެއް ވަނީ މިއަދަށް ތާވަލްކޮށްފަ އެވެ.