ށ އަތޮޅު ފީވަކަށް މިދިޔަ ދެ ދުވަހެއްގެ ތެރޭގައި އުދަ އެރުމުގެ ސަބަބުން ދަނޑުބިންތަކަށް ލޮނުގަނޑު ފޯރައި، ދަނޑުވެރިންނަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
އެރަށު ކައުންސިލްގެ ރައީސް އަލީ ރަޝީދާއި ހަވާލާދީ ސަން އޮންލައިން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ރަށުގެ ތިންބައި ކުޅަ އެއް ބަޔަށް ވަނީ މިފަހަރުގެ އުދަ އެރުމުގެ ހާދިސާގައި ލޮނުގަނޑު ވަދެ އަސަރުކޮށްފައެވެ.
ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަމުގެ މަސައްކަތް ކުރާ ފީވަކަކީ ރަށުގެ ބޮޑު ބައި ދަނޑުބިން ހައްދާފައި އޮންނަ ރަށެކެވެ. ޒަމާނުއްސުރެ ދަނޑުވެރިކަމުގެ މަސައްކަތް ކުރަމުން އަންނަ އެރަށު ރައްޔިތުންނަށް އުދައިގެ ސަބަބުން އަންދާޒާ ނުކުރެވޭނެ ވަރުގެ ބޮޑު ގެއްލުންތަކެއް ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ކުރާނެ ކަމަށް އަލީ ވިދާޅުވެފައިވެއެވެ.
މެދު ރާއްޖެތެރެއާއި އުތުރަށް މިދުވަސްކޮޅު ކަނޑުގަދަވެ އުދަ އެރުމުގެ ބިރު ހީވެފައިވެއެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދަނޑު ގޮވާން ކުރާ މީހުންނަށް އެތައް ގެއްލުމެއް އަހަރުތެރޭގައި ވެއެވެ. ރާއްޖޭގެ ދަނޑުވެރިންނަށް އޮންނަ އެންމެ ބޮޑު ބިރަކީ އުދަ އަރައި ދަނޑުބިންތަކަށް ލޮނުގެ އަސަރު ކުރުމެވެ.
ރާއްޖެއިން ބޭރުގެ ގައުމުތަކަށް ބޯކޮށް ވާރޭ ވެހި ދަނޑުބިންތައް އެއްކޮށް ހަލާކުވެ ހުއްޓާލަން ޖެހޭ ހާލަތްތައްވެސް މެދުވެރިވެއެވެ. އިންޑިޔާ އަދި ފިލިޕިންސް އަކީ މިފަދަ ނޭދެވޭ އަސަރުތައް ފަހަކަށް އައިސް އެންމެ ބޮޑަށް ކުރަމުންދާ ދެގައުމެވެ.