Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ޓީޗަރުންނަށް އިންޒާރުދޭތީ އިބްރާހިމްދީ ކަންބޮޑުވެއްޖެ

ސްކޫލްތަކުގައި މަސައްކަތް ކުރާ ޓީޗަރުން އަޅާ ފިޔަވަޅުތަކާއި ގުޅިގެން އެބޭފުޅުންނަށް ތަފާތު އެކި އިންޒާރު އެކި ފަރާތްތަކުން ދޭ މައްސަލައިގައި ހިތަދޫ މެދު ދާއިރާގެ މަޖިލިސް މެންބަރ އިބްރާހިމް ދީދީ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތައުލީމާއި ބެހޭ ބިލަށް ބަހުސް ކުރައްވަމުން އިބްރާހިމް ދީދީ ވަނީ ތައުލީމާއި ބެހޭ ބިލަށް އިސްލާހުތަކެއް ގެނެސްގެން ނަމަވެސް އެކަން ހައްލު ކުރުމަށް މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.

" ޙަޤީޤަތުގައި ސްކޫލުތަކުގެ ޓީޗަރުންގެ ސަލާމަތަުށް ވެސް އެބަ ބިރުވެރިކަން އާދޭ. މިއީ ވެސް މި ބިލްގައ އަޅުގަނޑަކަށް މާ ބޮޑަކަށް ނުފެނޭ މިކަހަލަ ކަންކަން ޙައްލުކުރުމަށް ހުރި މައްސަލަތަކެއް. އެހެންނަމަވެސް، ތަފްސީލުކޮށް ބެލީމަ ކަންނޭނގެ ފެންނާނީ. އަޅުގަނޑު ގޮވާލަން ކޮމިޓީ ލެވެލްގައި މަސައްކަތްކުރައްވާ ބޭފުޅުންނަށް، ސްކޫލުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ވެސް މި ބިލުގައި ފާހަގަކުރަންޖެހޭ ކަންތައްތައް ފާހަގަކުރައްވާފަ އި ނެތް ކަމަުށް ވަންޏާ އަލުން އިޞްލާޙެއް ލައްވައިގެން ނަމަވެސް އެކަން ހިމެނުއްވުމަށް."

ގްރޭޑު 7ގެ ނޫނީ ގްރޭޑު 8ގެ ކުއްޖަކާ ބެހޭ ގޮތުން އަޅާ ފިޔަވަޅަކާ ބެހޭ ގޮތުން އެ ކުއްޖާ ފޯނުން ގުޅާފައި ރައްޓެހި ކުއްޖެއްގެ ގާތުގައި ބުނުމުން ޓީޗަރަށް ބިރު ދައްކާ ހާލަތު އަންނަ ކަން އިބްރާހިމް ދީދީ ވަނީ ފާހަގަކުރައްވާފައެވެ.

ޤައުމުގެ ތަރައްޤީއާއި ތަހުޒީބަށް ވިސްނާއިރު، ދަރިވަރުންނަކީ މާދަމާގެ މި ޤައުމުގެ މުސްތަޤުބަލު ކަމަށާއި އެ ކުދިން ހަލާކުވެގެން ދާ ދިއުމަކީ އެންމެން ވެސް ވިސްނަންޖެހޭ ކަމެއް ކަމަށް އިބްރާހިމް ދީދީ ވިދާޅުވިއެވެ.

އިބްރާހިމް ދީދީ އިތުރަށް ވިދާޅުވި ގޮތުގައި ކޮންމެ ޤައުމެއް ވެސް ކުރިއަރައިގެންދާނީ އެ ޤައުމެއްގެ މުސްތަޤުބަލުގެ ޖީލު ކަމަުށްވާ ދަރިވަރުން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކޮށް، ރަނގަޅު ތަޢުލީމެއް ދެވިގެން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން ގާނޫނެއް ހަދާފައި ދޫކޮށްލިއަކަސް މައްސަލަތައް ޙައްލުވާނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށާއި މަޖިލީހުން ޤާނޫނުތައް ފާސްކުރުމަށް ފަހު ހަދަންޖެހޭ ގަވާއިދުތައް ހަދައި، އެ ގަވާއިދުތައް ތަންފީޛުކުރުން ހިމަނަން ޖެހޭ ކަމަށް އިބްރާހިމް ދީދީ ވިދާޅުވިއެވެ.