Last Updated: July 3, 08:38
Friday, July 3, 2026
ރިޕޯޓް

ޕީޕީއެމުން ތެޔޮ ނަގަނީ އައްޑޫން

ފެނަކަގެ ކުރީގެ އެމްޑީ ނިމާލް.

ރިއާސީ އިންތިހާބުގެ ކެމްޕެއިން ފޯރި އިންތިހާއަށް ގަދަވެފައިވާ އިރު އެންމެ ބާރަށް ދެކެވޭ އެއް ވާހަކައަކީ ތެޔޮ ރާއްޖެއިން ހޯދާނެ ވާހަކަ އެވެ. އެ ވާހަކަ އެންމެ ގަދައަށް ދައްކަނީ ޕީޕީއެމްގެ ރިއާސީ ކެންޑިޑޭޓަށް ވާދަ ކުރައްވާ އަބްދުﷲ ޔާމީންއެވެ.

ޔާމީންއަކީ ވަރަށް ތެލާއި ދޯޅު ބޭފުޅެކެވެ. ބޮޑު ބޭބޭގެ ދިގު ވެރިކަމުގައި އެންމެ ގިނައިން އުޅުއްވީ ތެލުގެ ތެރޭގައިއެވެ. އެހެންވެ ޔާމިނާއި ބެހެގޮތުން އެންމެ ގިނައިން ދެކެވެނީ ވެސް ތެލާ ގުޅިގެން ހިނގި ކަންކަމުގެ ވާހަކައެވެ. 800 މިލިއަން ޑޮލަރުގެ ވާހަކަ އެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުން ޔާމީން އިންތިހާބަށް ނިކުންނަވަން ކެމްޕެއިން ކުރައްވާއިރު އެންމެ ގިނައިން ދައްކަވަނީ ތެޔޮ ހޯއްދަވާނެއެވެ.
އެ ވާހަކަ އަޑުއިވުމުން އަޅުގަނޑު ހިޔާލަށް އައީ ތަފާތު އެއްޗެކެވެ. އެއީ ޔާމީންއާއި ގުޅޭގޮތުން އިވިފައިވާ ގިނަ ވާހަކަތަކާއި ހެދިއެވެ. އެއްބަޔަކު ބުނާ ގޮތުން ރާއްޖޭގައި ހުރި އެންމެ މޮޅު "އިގްތިސާދު" ދެނެވަޑައިގަންނަވާ ބޭފުޅަކީ ޔާމީންއެވެ. އަދި އަނެއް ބައި މީހުން ބުނާ ގޮތުން ރާއްޖޭގައި ހުރި އެންމެ "ސީޔާސީ" މީހަކީވެސް ޔާމީނެވެ. އެކަމަކާއި އަޅުގަނޑު ދެބަސްވާކަށް ނެތީމެވެ. އެހެންވެ ހިތައް އެރީ ޔާމީން ރަނގަޅަށް ވެސް "ތެޔޮ" ހުރި ތާކުން ތެޔޮ ހޯއްދަވައި ނަގާނެ ކަމަށެވެ.

ޔާމީން އަކީ މޮޅު "ސިޔާސީ" އަދި "އިގްތިސާދީ" ލީޑަރަކަށް ވުމުން އޭނާ ވިދާޅުވާ އެއްޗެއް ގިނަ މީހުނަކަށް އޮޅުން ނުފިލާނެ ކަން ޔަޤީނެވެ. ސިޔާސީ މީހަކު ދައްކާނީ ބޮޑަށް ސިޔާސީ ވާހަކައެވެ. އެއް އިބާރާތުން އެތައް މާނައެއް ދޭހަވާނެއެވެ.

ގިނަ ޕާޓީ އެކުލެވޭ މިސަރުކާރުގައި ޕީޕީއެމްއަކީ މުހިއްމު ދައުރެއް އަދާ ކުރާ ޕާޓީއެކެވެ. އެގޮތުން އެޕާޓީއަށް ވަނީ ވަރުގަދަ ބާރުތަކެއް ލިބިފައެވެ. ރާއްޖޭގެ މައި އިގްދިސާދީ ދޮރޯށި ތަޅުދަނޑި އޮތީ ޕީޕީއެމްއަތުގައެވެ. ރާއްޖެތެރޭގެ ޔޫޓިލިޓީ ކުންފުނިތަކުގެ ބާރު އޮތީވެސް ޕީޕީއެމް އަތުގައިއެވެ.

ސިޔާސީ ފަރާތަކުން ދެކޭގޮތުގައި ރާއްޖޭގެ ސިޔާސީ މަސްރަހް ބަދަލުކޮށްލުމުގައި އެންމެ ބާރުގަދަ އެއްފަރާތަކީ ޔޫޓިލިޓީ ކުންފުނިތަކެވެ. ސަރުކާރުން ވަނީ ޔޫޓިލިޓީތައް ހިންގަން ޕީޕީއެމް އާއި ހަވާލުކޮށްފައެވެ. އެހެންވެ އެޕާޓީން ވަނީ ހުރިހާ ޔޫޓިލިޓީތައް އުވާލައި ބިޔަ އެއްކުންފުނި ހަދާފައެވެ. އަދި ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން ޕީޕީއެމްގެ އިސް އެކްޓިވިސްޓަކާއި ހަވާލުކޮށްފައެވެ.

ޕީޕީއެމްގެ ނުފޫޒުގަދަ އަދި ޔާމީންގެ "ޔަޤީން" ޓީމުގެ އެއް މެމްބަރު މުހައްމަދު ނިމާލުއަކީ މި ކުންފުނީގެ އެމްޑީއެވެ. އޭނާގެ މަސައްކަތަކީ ޕާޓީ ކުރިއެރުވުމަށް ކުރެވެން އޮތް ކަމެއް ކުރުމެވެ. ރައްޔިތުން ކަނު އަދިރީގައި ތިއްބަސް އެއް ޖީބަށް އަތް ލައްވައިގެން ކެމްޕެއިން ކުރެއްވުންނޫން ކަމެއް ނެތެވެ. އޭނާގެ ހީވާގި ކަމާއި ހެދި "ޔަޤީނުން" ޔާމީން ނިމާލް އާއި ހަވާލުކުރީ ޔޫޓިލިޓީ ތައް ފުރިހަމައަށް ހިންގުމަށެވެ. އެކަމަށް ބޭނުންވާ "ތެޔޮ" ހޯދުމަށެވެ.. ނިމާލް އެކަން ފުރިހަމަކޮށްފިއެވެ.

އައްޑޫ ރައްޔިތުންނަކީ އެމީހުނަށް ފެނުނު ތެޔޮވަޅެވެ. އެތަނުގައި ތެޔޮ އެބަހުއްޓެވެ. މައުމޫނުގެ ސަރުކާރުގައި "ގަބުރުސްތާނަކަށް" ހަދާފައިވާ އައްޑޫގައި ގިނަ އަދަދަކަށް ތެޔޮ ހުރެގެން އެ ނެގުމުގެ މަސައްކަތް މިހާރުވަނީ އިންތިހާބުގެ ކުރިން ފަށާފައެވެ.

ފެނަކަ ކޯޕަރޭޝަންގެ ނަމުގައި ޕީޕީއެމްއިން އަޑީގައި ތިބެ ހަދާފައިވާ ކުންފުނިން އައްޑޫ ރައްޔިތުން އަންނަނީ "ފެލަމުންނެވެ". އައްޑޫ ރައްޔިތުން އަތުން ކަރަންޓަށް ނަގާފައިސާއިން މުޅި ރާއްޖެތެރޭގެ އިންޖީނުގެ ތަކަށް ހަރަދުކުރަން ވަނީ ފަށާފައެވެ. ސަދަން ޔޫޓިލިޓީ ކުންފުނީގައި ހުރި ހުރިހާ ފައިސާއެއް ވަނީ ފެނަކަ އަށް ބަދަލުކޮށްފައެވެ. އެސްޔޫއެލްގައި ހުރި ހުރިހާ މެޝިނަރީޒް ވެސް އައްޑޫއިން ބޭރުކުރަން ވަނީ ނިންމާފައެވެ.

އައްޑޫ ރައްޔިތުން އަތުން ނަގާ ފައިސާއިން މުޅި ފެނަކަ ކުންފުނި ހިންގުމުގެ މޮޅު "އިގްތިސާދީ ސިޔާސަތު" ވަނީ ކަނޑައަޅާފައެވެ. މުވައްޒަފުންނަށް މުސާރަ ބަރާބަރަށް ނުދެވޭ އިރު އިންޖީނުތައް މަރާމާތު ކުރުމަށް ބޭނުންވާ ސްޕެއާ ޕާޓްސްއެއް އެސްޔޫއެލްއަކު ނެތެވެ.

އައްޑޫ ރައްޔިތުން ޔޫޓިލިޓީ ކުންފުންޏަށް ދައްކާ ހުރިހާ ފައިސާއެއް މާލޭގައި ހުރ ވަކި އެކައުންޓަކަށް ޖަމާކޮށް މުޅި ރާއްޖޭގައި ތިބި ހުރިހާ އިންޖީނުގެ ތައް ހިންގަން އުޅޭ ސިޔާސަތު ވަނީ ވަރަށް ފުރިހަމައަށް ތަންފީޒުކޮށްފައެވެ. އެކަމާއި ހެދި އެސްޔޫއެލްއަކު މިހާރު އެކައްޗެއްވެސް ނެތެވެ.

އެސްޔޫއެލްގެ ކުރީގެ އިސް އޮފިޝަލަކު ވިދާޅުވީ އެކުންފުންޏަކީ ކުރިއަރަމުން ފައިދާވަމުން އައި ކުންފުންޏެއް ކަމަށެވެ. އަދި 17 ވަނަ ސާކް ސަމިޓް ދުވަސްވަރު ގިނަ މެޝިނަރީޒް ވަނީ އެކުންފުނިން ގަނެފައެވެ. އައްޑޫގެ މަގުހެދުމާއި ފެނާއި، ކަރަންޓާއި ނަރުދަމާގެ ހިދްމަތް ފޯރުކޮށްދިނުމަށް އެކުންފުނި އޮތީ ތައްޔާރުވެފައެވެ.

ރާއްޖޭގެ އެހެން ޔޫޓިލިޓީ ކުންފުންޏާއި އަޅާބަލާއިރު އެންމެ ކާމިޔާބު ޔޫޓިލިޓީ ކުންފުންޏަކީ އެސްޔޫއެލްއެވެ. މިހާތަނަށް ފިއުލް ސަޕްލައި އަށް ދަރާފައެއްނެތެވެ. ބަރާބަރަށް އައީ ފިއުލްސަޕްލައި އަށް ފައިސާ ދައްކަމުންނެވެ. ނަމަވެސް ރާއްޖޭގެ އެހެންނ ޔޫޓިލިޓިތައް އައީ ފިއުލްސަޕްލައި އަށް ދަރަމުންނެވެ.

އެވާހަކަ ފެނަަކައިގެ އެމްޑީ އެދަނީ ދައްކަމުންނެވެ. އެތައް މިލިއަން ރުފިޔާގެ ދަރަނިއޮތް ވާހަކައެވެ. އެކަން ފޫބެއްދުމަށް "ފެލަނީ" އައްޑޫ ރައްޔިތުންނެވެ. ފެނަކަ ދަށަށް އެސްޔޫއެލް ގެންދިޔައީ ކުންފުނި އިނދަޖައްސާލަން ކަން ގަބޫލުކުރާ މީހުން މަދެއް ނޫނެވެ. އެކަން ނޭގޭ ކުޑަކުއްޖަކުވެސް އައްޑުއަކު ނެތެވެ.

17 ވަނަ ސާކް ސަމިޓް ތެރޭ އެސްޔުއެލް މުވައްޒަފުން ވަނީ ބޮޑެތި ތަޖްރިބާތައް ހޯދާފައެެވެ. އެތަޖްރިބާގެ އަލީގައި މުސްތަގްބަލްގައި މިސީޓި ކުރިއެރުވުމަށް އެމުވައްޒަފުން އައީ މަސައްކަތް ކުރަމުންނެވެ.

ނަަމަވެސް މިހާރު ފެންނަނީ އެހެން މަންޒަރަކެވެ. އަމިއްލަ އަށް ހިނގައި ނުގަނެވޭ ވަރަށް އެ ކުންފުނި ނުކުޅެދިފައިވާ ތަނެވެ. އެއް އަހަރުވީ އިރު މުވައްޒަފުން ތިބެން ޖެހެނީ މަސް ނިމި މުސާރަ ނުލިބި ސަލާމަށް އަތް ދިއްކޮށްގެންނެވެ. ވެހިކަލަކަށް މައްސަލައެއް ޖެހިއްޖެނަމަ އެ އެއްޗެއް މައްސަލަ ޖެހުނު ތާކު ބާއްވާފައި އަންނަންވީއެވެ. އެ މަރާމާތު ކުރެވޭނެ ގާބިލްކަމެއް ކުންފުންޏަކު ނެތެވެ. ކަރަންޓް ކެޑިދާނެ އިރެއް ނޭގެއެވެ.

އިންޖީނުތައް ތިބީ ހުއްޓެން ކައިރިވެފަ އެވެ. ފާއިތުވި ދުވަސްތަކުގައި އައްޑޫ މީހުން ކަރަންޓް ނެތި ތިބީ ކިތައް ދުވަހު ހެއްޔެވެ. ނަމަވެސް އެކަމަކަށް މާބޮޑު ފަރުވާލެއް ނެތެވެ. ހަމަ އޮތީ މި "ތެޔޮ" ވަޅުން ތެޔޮ ނަގައި ވިއްކައި "ކައި"، "ބަހައި" ހުސްކޮށްލުމެވެ. ޕީޕީއެމް އިން "ތެޔޮ" ނަގާނެއެވެ. އަހަރެމެން ވީ ރަނގަޅަށް "ތެޔޮ" ދޭށެވެ. އަންނަ އިންތިޙާބުގައިއެވެ.