Last Updated: June 30, 14:08
Tuesday, June 30, 2026
ވިޔަފާރި

އިމާރާތް ކުރަން ބޭނުންވާ ސާމާން ނެގޭ ސްކީމެއް

ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށްޓަކައި ބޭނުންވާ ސާމާނު 100،000ރ. އާ ހަމައަށް އިންސްޓޯލްމެންޓް އުސޫލުން ނެގޭ ސްކީމެއް މޯލްޑިވްސް ފައިނޭންސް ލީސިންގް ކޮމްޕެނީ (އެމްއެފްއެލްސީ) އިން ތަޢާރަފްކޮށްފިއެވެ.

މޯގޭޖް ކުރުމަކާއި ނުލައި އެއްލައްކަ ރުފިޔާގެ ތަކެތި ނެގޭ ގޮތަށް "ހިޔާ ފަސޭހަ" ނަމުގައި އެމްއެފްއެލްސީ އިން ތަޢާރަފް ކުރި މި އިންސްޓޯލްމެންޓް ސްކީމް ބަހާލެވޭނެ އެންމެ ދިގު މުއްދަތަކީ 18 މަސް ދުވަސް ކަމަށް މަޢުލޫމާތު ލިބެއެވެ.

އެގޮތުން މި ސްކީމްގެ ދަށުން 60،000 ރުފިޔާއަށްވުރެ މަދުން މުދާ ނަގާ ފަރާތްތަކަށް ގެރެންޓަރެއް ބޭނުން ނުވާނެ ކަމަށައި މުދަލަށް އެދި ހުޅައަޅާތާ ތިން ދުވަހުގެ ތެރޭގައި ތަކެތި ލިބޭނެ ކަމަށްވެސް އެމްއެފްއެލްސީ އިން ވަނީ މައުލޫމާތު ދީފައެވެ.

މި ސްކީމް ތަޢާރަފް ކުރުމުގެ މަޤްސަދަކީ ގެދޮރު އިމާރާތް ކޮށް މަރާމާތު ކުރުމަށްޓަކައި ފައިސޭހައިން ލިބޭ ލުއި ލޯނެއް ކަސްޓަމަރުންނަށް ބޭނުންވާތީ އެޚިދުމަތް ފޯރު ކޮށްދިނުން ކަމަށްވެސް އެކުންފުނިން ބުނެއެވެ.

އެމްއެފްއެލްސީ އަކީ ގޭގައި ހިފައިގެންގުޅޭ ތަކެއްޗާއި ހަރުމުދާ އާންމު ރައްޔިތުންނާއި ވިޔަފާރިތަކަށް ކުއްޔަށް ދޫކުރާ ކުންފުންޏެކެވެ. އަދި ހަމަ އެހެންމެ އެ ކުންފުނިން ގެދޮރު އިމާރާތް ކުރުމަށާއި މަރާމާތު ކުރުމަށާއި، އެޕާޓްމެންޓް ގަތުމަށްޓަކައި ލޯންވެސް ދޫކުރެއެވެ.