ޔުއެފާ ޗެމްޕިއަންސް ލީގުގެ ނޮކް-އައުޓް ސްޓޭޖުގައި ރޭ އާސެނަލް އަދި ބެޔާން މިއުނިކް ބައްދަލުކުރި މެޗު 1-5 ގެ ބޮޑު ނަތީޖާއިން އާސެނަލްގެ މައްޗަށް ކުރި ހޯދައި ބެޔާން ކުއާޓާއަށް ދިއުމުގެ ފުރުސަތު ބޮޑުކޮށްފިއެވެ.
އާސެނަލްގެ ފަރާތުން މިއަހަރު ފެނިގެންދިޔަ އެންމެ ދަށް ކުޅުން ރޭގެ މެޗުގައި ފެނިގެން ގޮސްފައިވާއިރު ބެޔާންގެ ފޯވާޑް ލައިނުވަނީ ދަތިކަމެއް ނެތި ބޭނުން ގޮތަކަށް އާސެނަލްގެ ޑިފެންސް ލައިން ފޫއަޅުވާލާފައެވެ.
މެޗުގެ ފުރަތަމަ 10 މިނެޓު ތެރޭގައި ބެޔާން އިން ވަނީ ލީޑު ނަގާފައެވެ. ޓީމުގެ ފޯވާޑް އަރްޔެން ރޮބެން އަށް އާސެނަލް ގޯލުގެ ކަނަށް ބޯޅަ ފޮނުވާލުމަށް އެއްވެސް ކަހަލަ ދަތިކަމެއް އާސެނަލް ޑިފެންޑަރުންގެ ފަރާތުން ކުރިމަތި ކުރުވިފައިނުވާކަން ފާހަގަކޮށްލެވެއެވެ.
މެޗުގެ 30 ވަނަ މިނެޓުގައި ބެޔާން ޕެނަލްޓީ އޭރިޔާ ތެރެއިން ލެވަންޑޮސްކީ އާސެނަލް ކެޕްޓަން ކޮސިއެލްނީ އަށް ފައުލް ކުރި ކަމަށް ނިންމައި ރެފްރީ ވަނީ ޕެނަލްޓީ ދީފައެވެ. ސަންޗޭޒް ފޮނުވި ޕެނަލްޓީ ކީޕަރު ނޮޔާ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. ނަމަވެސް ބެޔާން ޑިފެންޑަރުންނަށް ބޯޅަ ސާފުނުކުރެވި ސަންޗޭޒްއަށް ލިބުނު ބޯޅަ އޭނާ ވަނީ ވަރަށް ހަމަޖެހިލައިގެން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނަތީޖާ އެއްވަރުކޮށްފައެވެ.
ސަންޗޭޒްގެ މިގޯލާއެކު އާސެނަލްއަށް މުބާރާތުގައި ކުރިއަށް ދިއުމަށް އެވޭ ގޯލެއްގެ ފައިދާ ލިބުނެވެ. ނަމަވެސް ދެވަނަ ހާފު ފެށިގެން މާގިނަ އިރުތަކެއް ނުވެ އާސެނަލް ކޮޅަށް ގޯލު ވަންނަން ފެށިއެވެ. 10 މިނެޓު ތެރޭ 3 ގޯލު ކޮޅަށް ވަދެ އާސެނަލްއަށް ވަނީ ގޮތް ހުސްވެފައެވެ. ލެވަންޑޮސްކީ 53 ވަނަ މިނެޓުގައި ދެވަނަ ފަހަރަށް ނެގި ލީޑު ފުޅާކޮށްފައިވަނީ ތިއާގޯ އަލްކަންތާރާ 56 ވަނަ މިނެޓާއި 63 ވަނަ މިނެޓުގައި ޖެހި ދެ ގޯލުންނެވެ.
މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް އާސެނަލްގެ ހިތްދަތިކަން އިތުރުވެގެން ދިޔައީ ޑިފެންސުގައި ކުޅުނު ބޯޅައެއް އެލެކްސް އޮކްސްލޭޑް ޗެމްބަލެއިން ގެއްލައި ބެޔާން ކުޅުންތެރިން އޭގެ ބޭނުން ހިފައި ނަތީޖާ 1-5 އަށް ފުޅާކުރުމުންނެވެ. މުލާއަށް ލިބުނު ބޯޅަ އޭނާ ވަނީ ވަރަށް ފަސޭހަކަމާއެކު ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.
ރޭގެ މެޗުން އާސެނަލްއަށް ލިބުނު ހިތްދަތި ބައްޔާއެކު ގިނަ ސަޕޯޓަރުން ވަނީ ކޯޗު ވެންގާގެ އިސްތިއުފާއަށް އަނެއްކާވެސް ގޮވާފައެވެ. ބެޔާން ފަދަ ޓީމަކާއި ދެކޮޅަށް އެއް ނަމްބަރު ކީޕަރު ޕީޓާ ޗެކްގެ ބަދަލުގައި ޑޭވިޑް އޮސްޕިނާ ކުޅެން ނެރުމުން ގިނަ ބަޔަކު ވަނީ ވެންގާގެ ނިންމުމަށް ފާޑުކިޔާފައެވެ. ޚާއްސަކޮށް އޭނާގެ ފަރާތުން ފެނުނު ދަށް ކުޅުމުގެ ޒިންމާ ވެންގާ ނަގަން ޖެހޭނެ ކަމަށް ބުނެ ސަޕޯޓަރުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.