ޗެމްޕިއަންސް ލީގުގެ ރައުންޑް އޮފް 16 ގެ މެޗުތައް ކުޅެމުން ދާއިރު ރޭ އެންމެ ފަހުގެ ޗެމްޕިއަން ރިއަލް މެޑްރިޑާއި ނަޕޯލީ ބައްދަލުކުރި މެޗު 1-3 އިން ރިއަލް ކާމިޔާބުކޮށްފިއެވެ.
ރިއަލްގެ ދަނޑުގައި ކުޅުނު މިމެޗުގެ ކުރީކޮޅު ދެޓީމުގެ ފަރާތުން ގޯލަށް ހަމަލާތައް ފޮނުވަން ފަށާފައިވެއެވެ. ނަމަވެސް އެންމެން ހައިރާން ކޮށްލާފައިވަނީ 8 ވަނަ މިނެޓުގައި ނަޕޯލީގެ އިންސިގްނޭ ޖެހި ގޯލާއެކު ނަޕޯލީ ލީޑު ނެގުމުންނެވެ.
ނަޕޯލީގެ ކުރީކޮޅު ލީޑަށް ރިއަލް ދިން ރައްދަކީ ފުލުފުލުގައި އަވަސް ބޯޅަ ކުޅެ ގޯލަށް ނުރައްކާ ކުރުމެވެ. ނަތީޖާއެއްގެ ގޮތުން ދިހަ މިނެޓު ފަހުން ބެންޒީމާ ވަނީ އަރިމަތިން ހުރަސް ކުރެވުނު ބޯޅައެއް ހުށިޔާރުކަމާއެކު ބޮލުން ގޯލުގެ ތެރެއަށް ފޮނުވައި ނަތީޖާ ހަމަހަމަކޮށްފައެވެ.
ނަތީޖާ އެއްވަރުވެ ފުރަތަމަ ހާފު ނިމިގެން ގޮސްފައިވާއިރު ރިއަލް މެޗުގެ ލީޑު ނަގާފައިވަނީ ދެވަނަ ހާފު ފަށައިގެންނެވެ. މެޗުގެ 49 ވަނަ މިނެޓުގައި ޓޯނީ ކްރޫސް ވަނީ ރޮނާލްޑޯ ހުރަސް ކުރި ބޯޅައެއް ގޯލުގެ ކަނަށް ފޮނުވާލައިގެން ލީޑު ނަގާފައެވެ.
މެޗުގެ ފަހު ގޯލު 54 ވަނަ މިނެޓުގައި ޖަހާފައިވަނީ ކަސެމީރޯއެވެ. އޭނާ ފޮނުވާލި ވޮލީ ވަނީ ބާރު ސްޕީޑުގައި ގޯލުގެ ތެރެއަށް ވަދެގެން ގޮސްފައެވެ. ގޯލުގެ ފުރިހަމަ ކަމުން ކީޕަރު އަދި ޑިފެންޑަރުންނަށް ވެސް ތިބެވުނީ ގޮތް ހުސްވެ ބަލަހައްޓައިގެންނެވެ.
މެޗުގެ ނަތީޖާ އިތުރުކުރުމަށް ރިއަލްގެ ކުޅުންތެރިންނަށް ވަނީ ހުސް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އަދި ނަޕޯލީއަށް ލީޑު ފުޅާކުރުމަށް ލިބުނު ފުރުސަތު އޮފްސައިޑްވެ ގޯލު ވަނީ ބޭކާރުވެގެން ގޮސްފައެވެ.