އައްޑޫ ސިޓީގެ މިސްކިތްތަކުގެ މުވައްޒަފުން ފެނަކަ ކޯޕަރޭޝަނުގެ ދަށަށް ބަދަލު ކުރުމަށް ނިންމާފައިވާކަން އިތުބާރު ހުރި ގޮތެއްގައި 'އައްޑޫލައިވް' އަށް އެނގިއްޖެއެވެ.
އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު 'އައްޑޫލައިވް' އަށް ވިދާޅުވީ، މިސްކިތްތަކުގެ މުވައްޒަފުން ފެނަކައިގެ ދަށަށް ބަދަލު ކުރުމާއި މެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށެވެ.
" އެފަދަ ވާހަކަތަކެއް އެބަ ދެކެވޭ. އެހެން ނަމަވެސް އަދި ފައިނަލް އެއް ނުވޭ. މިނިސްޓްރީގެ މުވައްޒަފުން އެކަށީގެންވާ ވަރަށް އެކޮޅުގައި (އައްޑޫގައި) ނެތުމަކީ މިސްކިތް ބެލެހެއްޓުމަށް ދިމާވާ ދައްޗެއް."
އައްޑޫގެ މިސްކިތްތަކުގެ އެންމެހައި ކަންތައް ބަލަހައްޓަމުން ދިޔަ އައްޑޫ ސިޓީ ކައުންސިލަށް ޒިންމާ އަދާ ނުކުރެވޭ ކަމަށް ބުނެ އިސްލާމިކް މިނިސްޓްރީގެ ދަށަށް މިސްކިތްތައް ގެންދިޔައީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.
މިސްކިތްތައް މިނިސްޓްރީގެ ދަށަށް ބަދަލު ކުރި ނަމަވެސް، މުވައްޒަފުންގެ މުސާރަ ލަސްވުމާއި މިސްކިތްތައް ސާފުކުރުމަށް ބޭނުންވާ ސާމާނު ލިބުމުގައި ދަތިތައް ކުރިމަތިވަމުން ގެންދާ މައްސަލަ ވަނީ އިތުރުވެފައެވެ.