"ކަމެއް ވާއިރަށް ޝަކުވާ ކުރަން ޖެހޭ ހެއްޔެވެ؟"
މިއީ އައްޑޫގެ މަގުތަކުގެ ހާލަތާއި ބެހޭގޮތުން ސުވާލުކުރުމުން އައްޑޫގައި ޕީޕީއެމްގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ބޭފުޅަކު ދެއްވި ޖަވާބެވެ.
އެބޭފުޅާއަށް ޤަބޫލުކުރަން ދަތިވި ނަމަވެސް، ރައްޔިތުންނަށް ދަތިކަންތައް ހައްލު ކުރަން އެމީހުން ޝަކުވާ ކުރާނީ، ސަރުކާރުގެ ވެރިން ގާތުގައެވެ. އެއްޗިހި ގޮވާނީ ސަރުކާރަށެވެ. ޒިންމާދާރު ވަޒީފާތަކުގައި ތިބޭ މީހުންނަށެވެ.
ސ. ގަމަށް ދާން އޮންނަ ފާލަން މަތީގައި ހަދާފައި ހުރި ގިޑިގެ އަރި އަޅާލާފައި އޮންނަތާ މިހާރު 2 ހަފްތާ ވަނީއެވެ. އެ މަންޒަރު ގަމަށް އަރައި ފައިބާ ކޮންމެ މީހަކަށް ފެންނާނެއެވެ.
ގިޑިގެ ދަށުން ދަތުރުކޮށްފައި ދަނީ، ބޮލަށް ވެއްޓިދާނެ ކަމަށް ބަލައިގެން ބިރުވެރި ކަމުގައެވެ.
" ބޮލަށް ވެއްޓޭނީ ކޮންއިރަކު ކަމެއް ނޭނގޭ. އަސްލު މީ ވަރަށް ދެރަ ވަރުގެ ކަމެއް. މިކަންތައް ރަނގަޅު ކުރަން އެބަޖެހޭ. މީހެއްގެ ބޮލަށް ވެއްޓިއްޖެ ނަމަ މަރުގެ އެތިފަހަރަކަށް ވާނެ." ޓެކްސީ ޑްރައިވަރަކު ބުންޏެވެ.
އޭގެ ތެރޭގައި އައްޑޫގެ މަގުތައް ބެލެހެއްޓުމުގެ ޒިންމާ އާއި ހަވާލުވެފައިވާ ހައުސިން މިނިސްޓްރީގެ އައްޑޫ ޑިޕާޓްމެންޓްގެ އިސްވެރިން ވެސް ހިމެނޭނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ގިޑިގެ އަށް ގެއްލުން ވެފައި ވަނީ، ގަމުން ފޭދޫ އަށް ދިޔަ ހެވީ ވެހިކަލެއް ގިޑިގޭގައި ޖެހިގެންނެވެ. އެ ވެހިކަލަކީ، ގަން އެއާޕޯޓްގެ މަސައްކަތް ތަކުގައި ބޭނުންކުރާ ވެހިކަލެކެވެ.
ގިޑިގެ އަށް ގެއްލުން ވުމުގެ ސަބަބުން އެކަމުގެ ޝަކުވާ ޓެކްސީ ޑްރައިވަރުންނާއި ބައެއް އާންމުން ވަނީ ހައުސިން މިނިސްޓްރީއަށް ހުށަހަޅާފައެވެ.ނަމަވެސް ގިޑިގެ މަރާމާތު ކުރުމަށް އަދި އެތަނުން ގިޑިގެ ނެގުމަށް ވެސް ހައުސިން މިނިސްޓްރީގެ ފަރާތުން އެއްވެސް މަސައްކަތެއް މިހާތަނަށް ކޮށްފައެއް ނުވެއެވެ.
ކޮންމެ ދުވަހަކު ވެސް އެތައް ސަތޭކަ ބަޔަކު ދަތުރުކުރާ ފާލަމެއްގެ މަތީގައި އަރި އަޅާލާފައި ހުރި ގިޑިގެއެއް ހުރުމުގެ ޝަކުވާ އާއި ކަންބޮޑުވުން ރައްޔިތުންގެ ތެރޭގައި އިންތިހާއަށް އޮތް ނަމަވެސް، 'ވެރިން' ފެންވަރުގައި އެ ކަންބޮޑުވުން އޮތް ހެނެއް ހިއެއް ނުވެއެވެ.
މިކަމާއި ގުޅޭ ގޮތުން ހައުސިން މިނިސްޓްރީގެ އައްޑޫ ޑިޕާޓްމެންޓުގެ ބަހެއް ހޯދާލުމަށް 'އައްޑޫލައިވް' އިން ކުރި މަސައްކަތް ވަނީ ކާމިޔާބު ނުވާގޮތް ވެފައެވެ.