Last Updated: June 12, 02:23
Thursday, June 11, 2026
ސިޔާސީ

ޑޯ ޓް ޑޯ ކެމްޕެއިންގައި އައްޑޫގެ %85 ގެތަކަށް ޒިޔާރަށްކޮށްފި

އެމްޑީޕީން އައްޑޫ ސިޓީގައި މިޙާރު ކުރިއަށް ގެންދާ ޑޯ ޓް ޑޯ ކެމްޕެއިންގައި، އައްޑޫގެ %85 ގެއަށް ޒިޔާރަތްކޮށް މަޢުލޫމާތު އެއްކޮށްފައިވާ ކަމަށް އެކަމުގައި އިސްކޮށް ހަރަކާތްތެރިވާ މާފަންނު އުތުރު ދާއިރާގެ ނައިބު ރައީސް އުސާމަތު އައްބާސް ވިދާޅުވެއްޖެ އެވެ.

އުސާމަތު ވިދާޅުވީ މި މަހުގެ އެއް ވަނަ ދުވަހު ފެށި މަސައްކަތް ވަރަށް ކާމިޔާބުކަމާ އެކު ކުރިއަށްދާ ކަމަށާއި މި އަހަރު ނުނިމި ވަނީ ތިން ދާއިރާގެ ޑޯ ޓް ޑޯގެ މަސައްކަތް ކަމަށެވެ.

“މިހާރު ނުނިމި ވަނީ އައްޑޫ ސިޓީގެ ތިން ދާއިރާއެއް. އެއީ ހިތަދޫ މެދު ދާއިރާ އާ ހިތަދޫ ދެކުނު ދާއިރާގެ އިތުރުން ފޭދޫ ދާއިރާ. ކުރިއަށް ދެތިން ދުވަސް ތެރޭގައި އެ ދާއިރާތައް ވެސް ނިންމާ ލެވޭނޭކަމަށް މި ބަލަނީ. ނިމިފައި ހުރި ދާއިރާތަކުގެ ވަރަށް މަދު ގެއަކަށް އަޅުގަނޑުމެންނަށް ނުވަދެވި ވާނީ،" އުސާމަތު ވިދާޅުވި އެވެ.

އަދި ދާއިރާތަކުގެ އެކިއެކި ފަރާތްތަކާއި ގުޅިގެން މިހާރު ކުރިއަށް ގެންދަނީ ޑޯޓުޑޯ ކެމްޕެއިންގައި އެއްކުރި މަޢުލޫމާތުތައް ސިސްޓަމަށް އެންޓަކުރުން ކަމަށް ވެސް އުސާމަތު ވިދާޅުވި އެވެ.

އައްޑޫ ސިޓީގެ ޑޯ ޓް ޑޯ ކެމްޕެއިންގައި ހަރަކާތްތެރިވާ އެމްޑީޕީ ޓީމުގެ ލީޑަރ އަދި އެމްޑީޕީ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރ ޑރ. މުސްތަފާ ލުތުފީ ވިދާޅުވީ މި މަސައްކަތުގައި ރައްޔިތުންގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ލިބިގެންދާ ކަމަށާއި އެކަމަށްޓަކައި ޝުކުރު އަދާކުރާ ކަމަށެވެ. އަދި %85 ގެތަކަށް ވަދެވުނުއިރު ވަރަށް ބޮޑު ތަރުޙީބެއް ލިބިގެން ދިޔަ ކަމަށެވެ.

އެމްޑީޕީން 2013 ވަނަ އަހަރު އެކުލަވާލާ މެނިފެސްޓޯއަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް އެމްޑީޕީން ވަނީ ދެކުނުގެ ރަށްތަކަށާއި ބޮޑު ތިލަދުންމަތީގެ ރަށްތަކަށް ވެސް ޒިޔާރަތްކޮށްފަ އެވެ.