ސަރުކާރުގެ އިސްވެރިން ދައުލަތުގެ ޚަޒާނާއިން ވައްކަން ކުރައްވާ ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ފޭދޫ ދާއިރާގެ މަޖިލިސް މެންބަރ އިބްރާހިމް ދީދީ (އައިބީ) ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
މިދިޔަ އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އައިބީ ވިދާޅުވީ، ވައްކަންކުރިއްޔާ ވައްކަންކުރަނީ ރައީސް ޔާމީން ނޫން ކަމަށެވެ.
"ވައްކަންކުރިއްޔާ ވައްކަން ކުރަނީ ރައީސް ޔާމީނެއް ނޫން. އަޅުގަނޑުމެންގެ ތެރެއިން ކޮންމެވެސް މީހެއްގެ ޖީބަށް އެއްޗެއް އަޅައިގެން މި ދަނީ. ދިޔަ މީހާ ޖަލަުށް ލީމަ އަނެއްކާ ދޫކޮށްލަން ވެސް ބުނަނީ އަޅުގަނޑުމެން. އެ މީހާގެ ދިފާޢުގައި ވެސް ނިކުންނަނީ އަޅުގަނޑުމެން."
އައިބީ ވިދާޅުވީ މުޖުތަމަޢެއްގައި ވައްކަންކުރާނެ ކަމަށާއި ޤާނޫނުތައް ހަދަނީ ވައްކަން ކުރާތީ ކަމަށެވެ.
ހެއްކާ ބެހޭ ގާނޫނެއް ވުޖޫދަށް ގެންނަނީ ވެސް ހެކިތައް ވަރުގަދަކޮށްގެން ވައްކަންކުރާ މީހުން ހިފައި ހައްޔަރުކުރުމަށް ޓަކައި ކަމަށާއި އެ ފަދަ ގާނޫނުތައް ވުޖޫދަށް ނުގެނައުމަށް ވަކާލާތު ކުރަނީ ވެސް މަޖިލިސް މެންބަރުން ކަމަށް އައިބީ ވިދާޅުވިއެވެ.
"ރަނގަޅު ގާނޫނެއް އޮވެގެންތާ ވަގަކު ވެސް އަތުވާނީ. އަޅުގަނޑުމެން ހުރިހާ ސަރުކާރެއްގައި މި އުޅެނީ. އެމް.ޑީ.ޕީ ސަރުކާރުގައި ވެސް އުޅެނީ. މުޙައްމަދު އަމީން ސަރުކާރުގައި ވެސް، ރައީސް މައުމޫންގެ ސަރުކާރުގައި ވެސް މި އުޅެނީ އަޅުގަނޑުމެން. ހުރިހާ ސަރުކާރެއްގައި ވެސް ސަރުކާރާ އެއްކޮޅަުށްވެސް ދެކޮޅަށް ވެސް އަޅުގަނޑުމެން އެބަ އުޅެން." އައިބީ ވިދާޅުވިއެވެ.