Last Updated: June 27, 11:53
Saturday, June 27, 2026
ކުޅިވަރު

ވެލެންސިއާ ބަލިކޮށް މާޒިޔާ ޗެރިޓީ ޝީލްޑު އުފުލާލައިފި

ފޮޓޯ: މިހާރު

ސީޒަން ފެށުމުގެ ގޮތުން ކުޅޭ މައިލޯ ޗެރިޓީ ޝީލްޑުގައި އެންމެ ފަހުގެ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާއި އެފްއޭ ކަޕް ޗެމްޕިއަން ވެލެންސިއާ ބައްދަލުކުރި މެޗު 0-1 އިން މާޒިޔާ ކާމިޔާބުކޮށް ވީބީ އިން ހެދި ރިކޯޑާ އެއްވަރުކޮށްފިއެވެ.

ވީބީ އިން ޖެހިޖެހިގެން ތިން އަހަރު ޝީލްޑު އުފުލައި ހެދި ރިކޯޑު މާޒިޔާ އިން ވަނީ މިއަދު އެއްވަރުކޮށް ރިކޯޑު މުގުރާލުމަށް އާ ހިތްވަރެއް ހޯދާފައެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ޖަހާފައިވަނީ ގައުމީ ޓީމުގެ ފޯވާޑް އަދި މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲއެވެ. އޭނާ މިއަދުގެ މެޗުގައި ގޯލު ޖަހާފައިވަނީ މެޗުގެ 70 ވަނަ މިނެޓުގައެވެ. ދެޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗު ބެލުމަށް ދެޓީމުގެ ސަޕޯޓަރުންވެސް ވަނީ ގަލޮޅު ދަނޑަށް ގޮސްފައެވެ.

މާޒިޔާ ވަނީ ޗެރިޓީ ޝީލްޑު ނެގުމުން ލިބުނު އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމު އޯޓިޒަމް އެސޯސިއޭޝަނާއި ކުޑަކުދިންގެ ހިޔާއާއި ވެލެންސިއާއިން ހުށަހެޅި ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އާއި ބިއުޓިފުލް އައިސް ޑައުން ސިންޑްރޯމް އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި އެފްއޭއެމްއިން ހުށަހެޅި އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާރކް). އެއިން ކޮންމެ އެންޖީއޯއަކަށް ވެސް 20،000 ރުފިޔާގެ މަގުން ބަހާލައިފައެވެ.