ދުނިޔޭގެ އެންމެ ހިތްވަރުގަދަ ލީޑަރުގެ އެވޯޑް ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދޭން ނިންމައިފިއެވެ.
ޖެނީވާ ސަމިޓް ފޯ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރެސީ އިން ދޭ ހިތްވަރުގަދަ ކަމުގެ މި އެވޯޑް ރައީސް ނަޝީދަށް އެރުވޭނީ މި މަހުގެ 21 ވަނަ ދުވަހު އިންސާނީ ހައްޤުތަކާއި ބެހޭގޮތުން ހޭލުންތެރިކަން އިތުރު ކުރުމަށް ޔޫއެން ވޮޗް އިން އިންތިޒާމް ކުރާ ސަމިޓް ގައެވެ.
އަދި މި ސަމިޓްގެ އެންމެ އިސްވެރިއަކަށްވެސް ހަމަޖައްސާފައިވަނީ ރައީސް ނަޝީދެވެ.
މި ސަމިޓްގައި އަންހެނުންނާއި މެދު ގެންގުޅޭ ތަފާތު ކުރުންތަކާއި، ނޫސްވެރިން ޖަލަށްލުމާއި، އިންޓަނެޓް ބޭނުން ކުރުމުގައި އޮންނަ މިނިވަންކަމާއި، ތަފާތު ދީންތަކަށް އިޙްތިރާމް ނުކުރުމުގެ އިތުރުން އިންސާނީ ޙައްޤުތަކަށް މަސައްކަތް ކުރާ ފަރާތްތަކަށް އަދަބު ދިނުމުގެ މައްޗަށް އަލިއަޅުވާލާނެއެވެ.
މި ސަމިޓް އޮންނާނީ ސްވިޓްޒަލޭންޑްގެ ޖެނީވާ ގައެވެ.
މިދިޔަ އަހަރު ޖެނީވާ ސަމިޓުން ދޭ ހިތްވަރުގަދަ ކަމުގެ އެވޯޑް ދީފައި ވަނީ ވެނެޒުއެލާގެ ސިޔާސީ ހައްޔަރީން ކަމަށްވާ އެންޓޯނިއޯ ލްޑެޒްމާ އާއި ލިއޮޕޮލްޑޯ ލޯޕޭޒް އަށެވެ.