ސުޕްރީމް ކޯޓްގެ ނިންމުމަކާއި ޚިލާފަށް ސިވިލް ކޯޓްގެ ޤާޒީ މަރިޔަމް ވަހީދު ޙުކުމެއް އިއްވާފައިވާ ކަމަށް ބުނެ އެޓާނީ ޖެނެރަލްގެ އޮފީހުން ހުށައެޅި މައްސަލައަކާއި ގުޅިގެން، މަރިޔަމް ވަހީދަށް ރާއްޖޭގެ އެއްވެސް ކޯޓެއްގައި ޝަރީއަތް ކުރުމުގެ ހައިސިއްޔަތު ލިބިގެން ނުވާ ކަމަށް ސުޕްރީޕް ކޯޓުން ކަނޑައަޅައިފިއެވެ.
މިއީ ރާއްޖޭގެ ފަނޑިޔާރަކު ކުރި ޙުކުމަކާއި ގުޅިގެން އެ ފަނޑިޔާރާއިމެދު ފިޔަވަޅު އެޅި އެންމެ ފުރަތަމަ ފަހަރެވެ.
ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރުގައި ވަނީ ވ. ބޮޑުމޮހޮރާ ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ކުއްޔަށް ދިނުމަށްޓަކައި އެއްބަސްވުމަކަށް ވާސިލް ވުމަކީ ސަރުކާރަށް ލިބިފައިވާ އިޚްތިޔާރީ ބާރެއް ކަމަށް އެ ކޯޓުން ކަނޑައަޅާފައި ވަނިކޮށް، 16 ފެބްރުއަރީ 2017 އިން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އެގްރީމެންޓްގައި ސޮއި ކުރުމަށް ލާޒިކްމޮށް މަރިޔަމް ވަހީދު ޙުކުމް ކޮށްފައިވާ ކަމަށެވެ.
އެފަދަ އެގްރީމެންޓެއްގައި ސޮއި ކުރުމަށް ސަރުކާރުގެ މައްޗަށް މަޖުބޫރު ކުރާ ނުވަތަ ލާޒިމް ކުރާ ޤާނޫނީއެއްވެސް އަސާސެއް ނެތް ކަމަށްވެސް ސުޕްރީމް ކޯޓުގެ އަމުރުގައި ވެއެވެ.
އެހެންކަމުން، ގާނޫނު އަސާސީގެ 145 ވަނަ މާއްދާ އާއި 143 ވަނަ މާއްދާގެ (ރ) އާއި ފަނޑިޔާރުންގެ ގާނޫނުގެ 30 ވަނަ މާއްދާ އާއި ކޯޓުތަކުގެ ގާނޫނުގެ 20 ވަނަ މާއްދާ އާއި 22 ވަނަ މާއްދާ އާއި ސުޕްރީމް ކޯޓުގެ ގަވާއިދުގެ 86 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ރާއްޖޭގެ ކޯޓުތަކުގައި ޝަރީއަތް ކުރުމުގެ ޝަރުއިއްޔަތާއި އަހުލިއްޔަތާއި ވިލާޔަތު މަރިޔަމް ވަހީދުގެ ކިބައިން ގެއްލިފައިވާ ކަމަށް ކަނޑައަޅާ ކަމަށް ސުޕްރީމް ކޯޓުގެ އަމުރުގައި ވެއެވެ.