Last Updated: June 27, 11:53
Saturday, June 27, 2026
ކުޅިވަރު

އިބްރާގެ ހެޓްރިކާއެކު ޔުނައިޓެޑަށް ފަސޭހަ މޮޅެއް

ޔުއެފާ ޔޫރޮޕާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ސެއިންޓް-އެއިން ބައްދަލުކުރި މެޗު ފަސޭހަކަމާއެކު 0-3 އިން ޔުނައިޓެޑް ކާމިޔާބުކޮށްފިއެވެ.

މެޗުގައި ފެނިގެން ދިޔަ ތިން ގޯލުވެސް 35 އަހަރުގެ އިބްރަހިމޮވިޗް ޖަހާފައިވާއިރު އޭނާ މެޗުގެ ފުރަތަމަ ގޯލު ޖަހާފައިވަނީ 15 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުންނެވެ. ތިރި ތިރިން ފޮނުވި ބޯޅަ ގޯލުގެ ތެރެއަށް ވަދެފައިވަނީ އިތުރު ކުޅުންތެރިޔެއްގެ ގައިގައި ޖެހިފައެވެ.

ފުރަތަމަ ހާފު އިބްރާގެ ގޯލާއެކު ނިމިގެން ގޮސްފައިވާއިރު ޔުނައިޓެޑުން ވަނީ އިތުރު ހަމަލާތައް އުފައްދައި ގޯލަށް ނުރައްކާ ކޮށްފައެވެ.

ރޭގެ މެޗުގެ ފަހު ދެ ގޯލު ފެނިގެން ގޮސްފައިވަނީ ފަހު ހާފުގައެވެ. 75 ވަނަ މިނެޓުގައި ޒުވާން ކުޅުންތެރިޔާ މާކަސް ރަޝްފޯޑް އަރިމަތިން ހުރަސް ކުރި ބޯޅައެއް އިބްރާ ވަނީ ހާސްކަމެއް ނެތި ގޯލުތެރެއަށް ފޮނުވާލާފައެވެ. ރޭގައި ކުޅެން ނިކުމެ އޭނާ ވަނީ 19 އަހަރުގައި ޔުނައިޓެޑުގެ ސީނިއާ ޓީމަށް ކުޅުނު 50 ވަނަ މެޗު ހަމަކޮށްފައެވެ.

މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް އިބްރާ ހެޓްރިކް ހަދާފައިވަނީ ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ އޭނާ ސެއިންޓް-އެއިން ކޮޅަށް ޖެހި 14 ވަނަ ގޯލެވެ. ފްރާންސްގެ ކުލަބަކީ އޭނާ އިދިކޮޅު ޓީމަކަށް އެންމެ ގިނަ ގޯލު ޖެހި ކުލަބެވެ.

މެޗަށް ފަހު ޔުނައިޓެޑް ކޯޗު ޖޯސޭ މޮރީނިއޯ ބުނެފައިވަނީ ފުރަތަމަ ހާފުގައި ކުޅުނު ދަށް ކުޅުމާއެކު މެޗުން މޮޅުވީތީ އޭނާ ހިތްހަމަ ޖެހޭ ކަމަށެވެ. އަދި ހޯމް މެޗުގައި ގޯލެއް ކޮޅަށް ވަދެފައި ނުވާތީވެސް ހިތްހަމަ ޖެހޭ ކަމަށް މޮރީނިއޯ ބުނެފައިވެއެވެ.