Last Updated: April 18, 06:09
Thursday, April 18, 2024
ރިޕޯޓް

މިއީ ވަރަށް ދެރަ މަންޒަރެއް!

އީދިގަލިކިޅި ތަރައްޤީކޮށް އިކޯ ޓޫރިޒަމަށް ފައްކާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު މި ކަމަކީ އަހަރެމެން އައްޑޫ ރައްޔިތުންނަށް ނުހަނު މަންފާ ހުރިކަމެވެ. އޭގެ ފައިދާ މުޅި އައްޑޫއަށް ނުހަނު ބޮޑެވެ.

އެހެން ނަމަވެސް މިފަދަ ރީތި ތަނެއް އަހަރެމެން އައްޑޫ ރައްޔިތުންނަށް ލިބި، މިތަން ތަރައްޤީ ކުރަމުން އަންނަ އިރު ވަރަށް ދެރަ މަންޒަަރުތަކެއް މިހާރު މިދަނީ ފެންނަމުންނެވެ. ފޮޓޯ އިން މިފެންނަނީ އޭގެ ތެރެއިން މަންޒަރެކެވެ.

އީދިގަލި ކިޅީގެ ރީތިކަން އެތަނަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ވީހާވެސް ގާތުން ފެންނަ ގޮތަށް ހެދުމަށް ޓަކައި ޤާއިމްކޮށްފައިވާ ލަކުނޑި ބޭނުންކޮށްގެން ހަދާފައިވާ ޕްލެޓްފޯމަކީ، ސައިކަލް ދުއްވަން ހަދާފައިވާ ތަންތަނެއް ނޫނެވެ.

އީދިގަލި ކިޅިއަށް ޒިޔާރަތްކުރާ ބައެއް ފަރާތްތަކުން ގަސްތުގައި އެ ސަރަހައްދުގައި ހަދާފައިވާ ޕްލެޓްފޯމް ތަކަށް ގެއްލުން ދީފައި އެބަހުއްޓެވެ. އޭގެ ގެއްލުން ލިބެނީ ހަމަ އައްޑޫ އަށެވެ.

އެއްބަޔަކު ސައިކަލްގައި ޕްލެޓްފޯމްތަކަށް އަރަނީ، "ކޫލް" ކަމެއް ކޮށްލުމުގެ ބޭނުމުގައެވެ. އަނެއް ބަޔަކު ތަނުގައި ހަދާފައިވާ ޕްލެޓްފޯމްގެ ލަކުޑިތަކުގައި އަމިއްލަ ނަން ކަނޑާ ނަގައެވެ. މަޖަލަކަށް ކުރެވޭ ކަމަކުން ތަނަށް ބޮޑު ގެއްލުމެއް ދަނީ ލިބެމުންނެވެ.

އީދިގަލި ކިޅި ފަދަ ހިތްގައިމު ތަނެއް ހިމާޔަތް ކުރެވެނީ ހުރިހާ ފަރުދުންގެ ފެންވަރުގައި މަސައްކަތްތަކެއް ކުރެވިގެންވެ. ހިތަދޫ އީދިގަލި ކިޅިއަކީ ހިތަދޫ ރައްޔިތުންނާއި އައްޑޫ ރައްޔިތުންގެ މިލްކެކެވެ. ތަން ހަލާކުވެ ނެތިގެން ދިއުމުން ގެއްލުން އޮތީ އަައްޑޫ އަށެވެ.

ހަފްތާ ބަންދާއި އެހެނިހެން ޗުއްޓީ ތަކުގައި ހިތް އުފާ ހޯދާލަންދާ އީދިގަލި ކިޅި ރީތިކޮށް ބޭއްވުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން އެބަޖެހެއެވެ.

މިއީ ސޯޝަލް މީޑިޔާގައި އާއްމު ވެފައިވާ މި ފޮޓޯ އާއި ގުޅިގެން އަޅުގަނޑުގެ ހިތުގައި އުފެދުނުގެ ޝުޢޫރުތަކެކެވެ. އައްޑޫގެ ތަރައްޤީ އާއި ކުރިއެރުމާއި މެދު ވިސްނާ މީހެއްގެ ހައިސިއްޔަތުންނެވެ. މިކަމާމެދު ކަމާބެހޭ ހުރިހާ ފަރާތްތަކަކުން ވިސްނައިވަޑައިގެން އިޞްލާޙީ ފިޔަވަޅެއް އަޅުއްވާނެ ކަމުގެ އުއްމީދުގައެވެ.