ބެޔާން މިއުނިކް އަތުން 1-5 އިން ޗެމްޕިއަންސް ލީގުގައި ބަލިވެ އާސެނަލް ކޯޗު ވެންގާ ހޫނު ފެނަށް އެޅިފައިވާއިރު ގިނަ ބަޔަކު ދަނީ މެދުކެނޑުމެއް ނެތި ރިޓަޔާ ކުރުމަށްފަހު ކުލަބު ދޫކޮށް ދިއުމަށް ގޮވާލާފައެވެ.
ނަމަވެސް ވެންގާ ވަނީ ރިޓަޔާ ކުރުމަށް ގޮވާ މީހުންނަށް ރައްދު ދީފައެވެ. "އަންނަ ސީޒަނުގައި އަހަރެން އާސެނަލްގައި ހުއްޓަސް ނުވަތަ ނެތަސް އަހަރެން ފެންނާނީ ކޯޗެއްގެ މަގާމުގައި. ކޯޗިން ކެރިއަރު ނިންމާލާކަށް ނެތިން" ވެންގާ ބުނެފައިވެއެވެ.
ޕްރިމިއާ ލީގު 2004 ވަނަ އަހަރު ރަން ތަށްޓަކާއެކު ނެގި ފަހުން އާސެނަލް އަށް ލީގު ތަށްޓެއް ލިބިފައި ނުވެއެވެ. 'އިންވިންސިބްލްސް' ގެ ނަމުން މަޝްހޫރުވި އާސެނަލް ޓީމު ފަދަ މޮޅު ޓީމެއް 2003/04 ގެ ފަހުން އަދި ކުލަބުގައި އުފެދިފައެއް ނުވެއެވެ.
ސީޒަނަކަށް ފަހު ސީޒަނެއް ތަށި ހޯދުމަށް ބުރަ މަސައްކަތްތަކެއް ކޮށް ސީޒަނުގެ ފަހުކޮޅު އާސެނަލްގެ އަތުން ތަށި ބީވެގެންދާތާ މިހާރު ވަނީ 12 އަހަރު ވެފައެވެ.
ސަޕޯޓަރުން ކެތް މަދުވެ ބަދަލަކަށް އެދެމުންދާތާ މިހާރު ވަނީ ދުވަސްކޮޅެއް ވެފައެވެ. ނަމަވެސް އާސެނަލް އެންމެ ފަހަކަށް ބެޔާން އާއި ދެކޮޅަށް ކުޅުނު މެޗަށް ފަހު ވެންގާ އަށް ކުރިން ދުވަހަކުވެސް ބަދު ބަހެއް ބުނެފައި ނުވާ އެތައް ބަޔަކު ވަނީ ކެތްތެރިކަން ކޮޅުން ލައިގެން ގޮސް ވެންގާ ދިއުމަށް ގޮވާލާފައެވެ.
ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި މިސީޒަނަކީ އާސެން ވެންގާ ކުލަބު މެނޭޖް ކުރާނެ އެންމެ ފަހު ސީޒަނެވެ. ނަމަވެސް ކުލަބުގެ ބޯޑުން އަދި މިކަމާއި ގުޅޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައިނުވެއެވެ.