Last Updated: June 27, 11:53
Saturday, June 27, 2026
ކުޅިވަރު

ޓާގެޓަކީ ލީގު އެކަންޏެއް ނޫން، އެފްއޭ ކަޕްވެސް ބޭނުން: ކޮންޓޭ

އިނގިރޭސި ޕްރިމިއާ ލީގުގެ ތާވަލުގެ އެއްވަނައިގައި އޮތް ޗެލްސީގެ ހަމައެކަނި ޓާގެޓަކީ ލީގު ތަށި އެކަނި ނޫން ކަމަށް ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފިއެވެ.

އެފްއޭ ކަޕުގެ 5 ވަނަ ބުރުގައި މިރޭ ވޫލްވްސްއާއި ދެކޮޅަށް ނިކުތުމުގެ ކުރިން ދިން ޕްރެސް ކޮންފަރެންސުގައި ކޮންޓޭ ބުނެފައިވަނީ އެފްއޭ ކަޕަކީވެސް ޗެލްސީގެ ޓާގެޓެއް ކަމަށެވެ.

"މިއީ ޚާއްސަ މުބާރާތެއް. މިމުބާރާތަކީ ބާކީ ކޮށްލާފައި އޮތް މުބާރާތެއް ނޫން. އަހަރެންގެ ޓީމު ނިކުންނާނީ މޮޅުވާން. ފުލް ޓީމު ނޭރިއަސް ކުޅުންތެރިންނަށް ފުރިހަމައަށް އިތުބާރު ކުރަން އަދި އުއްމީދު ކުރަނީ ރީތި ކުޅުމަކާއެކު މޮޅެއް ލިބުމަށް" ކޮންޓޭ ބުނެފައިވެއެވެ.

ލީގު ތާވަލުގެ އެއްވަނައިގައި ޗެލްސީ އޮތީ 25 މެޗުން 60 ޕޮއިންޓު ހޯދައިގެންނެވެ. 52 ޕޮއިންޓާއެކު ދެވަނައިގައި އޮތް ސިޓީއާ ޗެލްސީ އިން ވަނީ 8 ޕޮއިންޓުގެ ފަރަގެއް ހޯދާފައެވެ.

ޗެލްސީ ވަނީ މީގެ ކުރިން 7 ފަހަރު އެފްއޭ ކަޕް ކާމިޔާބުކޮށްފައެވެ. މިއަދަދު 8 އަށް ހަދައި އާސެނަލްއާއި މެންޗެސްޓާ ޔުނައިޓެޑާއި ކައިރި ކުރުމަކީ އެޓީމުގެ މިފަހަރުގެ އަމާޒެވެ.