ބޭންކް އޮފް މޯލްޑިވްސް އިން ޑޮލަރަށް ހާއްސަކޮށްފައިވާ ތިން އޭޓީއެމް ހިމެނޭ ސެންޓަރެއް މާލޭގައި ހުޅުވައިފިއެވެ.
'އަހަރެންގެ ބޭންކް' ކެމްޕެއިނުގެ ދަށުން ބީއެމްއެލް އިން މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދުގައި މިއަދު ހުޅުވި މި އޭޓީއެމް ސެންޓަރުން ޑޮލަރު ނެގުމާއި ޖަމައު ކުރުން އަދި ފައިސާ ދެއްކުމުގެ އިތުރުން ޓްރާންސްފާ ކުރުމުގެ ޚިދުމަތްވެސް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ.
މި ސެންޓަރު ހުޅުވައި ދެއްވީ ބީއެމްއެލްގެ ސީއީއޯ އެންޑްރިއު ހީލީއެވެ. ނޫސްވެރިންނާއި ވާހަކަ ދައްކަމުން ބޭންކުގެ ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓާ އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފް ވިދާޅުވީ މިއީ ކަސްޓަމަރުންނަށް ބޭންކުގެ ޚިދުމަތްތައް ދަތި ކަމެއް ނެތި އިތުރަށް ފަސޭހަކަ ކުރުމަށް ކުރެވުނު ކަމެއް ކަމުގައެވެ.
ޑޮލަރު އޭޓީއެމް ތަކަކީ އާންމުންގެ ފަރާތުން ވަރަށް ބޮޑަށް އޭގެ ޚިދުމަތް ބޭނުން ކުރެވޭ އޭޓީއެމްތަކަށް ވާއިރު ޝަރީފް އިތުރަށް ވިދާޅުވެފައިވަނީ މިދިޔަ އަހަރުވެސް 645،000 އަށްވުރެ ގިނަ މުއާމަލާތްތައް ޑޮލަރު އޭޓީއެމްތަކުން ކަސްޓަމަރުން ކޮށްފައިވާ ކަމަށެވެ. އޭޓީއެމް ތަކުން މިމުއްދަތުގެ ތެރޭގައި ކަސްޓަމަރުން ނަގާފައިވާ ޑޮލަރުގެ އަދަދު 220 މިލިއަނަށްވުރެ މަތީގައިވާ ކަމަށް ޝަރީފް އިތުރުކޮށްފައިވެއެވެ.
ބީއެމްއެލް އަކީ ރާއްޖޭގެ އެންމެ ގިނަ މީހުންނަށް ޚިދުމަތް ދޭ ބޭންކެވެ. މިއޭޓީއެމް ސެންޓަރު ގާއިމް ކުރުމުން ކަސްޓަމަރުންނަށް އިތުރަށް ޚިދުމަތް ލިބިގަތުމުގައި ފަސޭހަ ވެގެންދާނެއެވެ.