Last Updated: June 27, 11:53
Saturday, June 27, 2026
ރިޕޯޓް

މިއީ ހަގީގަތުގައި ވެސް ވަރަށް ދެރަ މަންޒަރެއް!

ފޭދޫ މަގެއްގައި ކާރެއް ގަނބައިގެން ގޮސްފައި: ފޮޓޯ - ސޯޝަލް މީޑިޔާ

މަތީގައި ފެނިގެންދާ ފޮޓޯއިން ފެންނަނީ އައްޑޫ ސިޓީގެ ފޭދޫ މަގެއްގައި ދުއްވާފައި ދިޔަ ކާރެއް ގަނބައިގެން ގޮސްފައިވާ މަންޒަރެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ ފުރަތަމަ ދައުރުގެ ނިމުމަކާއި ކައިރިއަށް ގޮސްފައިވާއިރު ސަރުކާރުގެ އިސް ބޭބޭފުޅުން އައްޑޫއަށް ކުރައްވާ ދަތުރުފުޅުތަކުގައި ރައީސް ޔާމީންގެ ސަރުކާރުން ކޮށްފައިވާ ކަންތައް ތަކުގެ ވާހަކަ ވަރަށް ގިނައިން ދެކެވެއެވެ.

ރައްޔިތުންނަށް ތަރައްގީގެ ގޮތުގައި ކޮށްފައިވާ މަސައްކަތް ނުފެންނަނީ ރައްޔިތުން "ލޯ އަނދިރި" ކަމުން ކަމަށްވެސް ބުނެވިފައިވާ ކަމަށް ދޭތެރެ ދޭތެރެއިން އިވެއެވެ.

އިތުރު 19 މަގުގައި ތާރުއެޅުމަށް ނިންމާފައިވާއިރު ރައްޔިތުން ދިރިއުޅޭ ރަށެއްގެ މަގުގެ ހާލަތު މިހާ ދަށަށް ގޮސްފައިވާނީ ކޮންމެވެސް ބަޔެއްގެ އިހުމާލުން ކަމަށް ގަބޫލުކުރެވެއެވެ.

މަގުތައް ހެދުމަށާއި ބެލެހެއްޓުމަށް ހަވާލުކުރެވިފައިވާ މީހުންނަށް މަގުތައް ނުބެލެހެއްޓުމުގެ ނަތީޖާ ނޫން އެހެން މަންޒަރެއް މިފޮޓޯތަކަށް ބަލާލުމުން ނުފެނެއެވެ.

"އައްޑޫލައިވް" އިން މިފަދަ ވާހަކަ ލިޔަނީ މީހުންނަށް ދެރަ ދޭން ކަމަށް ހީކުރުމަކީ ކުށްހީއެކެވެ. ނުވަތަ މައްސަލަ ޖައްސައި ހަމަނުޖެހުން ހިންގުމަކީވެސް ފަހަރެއްގައިވެސް މި ނޫހުގެ މަގުސަދެއް ނޫނެވެ. ރައްޔިތުންނަށް ދިމާވާ މިފަދަ ތުރާތަކާއި ދަތިކަންތަކުގެ ވާހަކަ "އައްޑޫލައިވް" އިން ދައްކަނީ ހަމައެކަނި އެމައްސަލަތައް ވީހާވެސް އަވަހަށް ހައްލުކުރެވި ރައްޔިތުން ތުރާތަކުން ސަލާމަތްކުރުމުގެ މަގުސަދުގައެވެ.

ކާރާއި ސައިކަލު ރަޖިސްޓަރީކޮށް ރޯޑްވޯދިނެސް ހެއްދުމަށް ބޮޑެތި ފީނަގާއިރު މަގުތައް ކާރާއި ސައިކަލު ދުއްވުމަށް "ވޯތީ" ނުވާނަމަ ފީ ނެގުމަކީ ތާކުންތާކު ޖެހޭނެ ކަމެއް ނޫނެވެ.