Last Updated: June 25, 23:09
Thursday, June 25, 2026
ކުޅިވަރު

ހަބޭސް އިއްބެގެ ހުނަރު ދައްކާލައިފި

ބަންގަލްދޭޝްގައި އިއްޔެ ފެށި ޝެއިހް ކަމާލް އިންޓަނޭޝަނަލް ގޯލްޑް ކަޕްގައި މިއަދު ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބާއި ބަންގްލަދޭޝްގެ ލީގް ޗެމްޕިއަން ޑާކާ އަބަހާނީ ބައްދަލު ކުރި މެޗް 1-0 ލަނޑުން ޓީސީ ކާމިޔާބް ކޮށްފިއެވެ.

ޓީސީން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މި ސީޒަންގައި އެޓީމާއި ގުޅުނު ފޭދޫ ޓީމްގެ ހުނަރުވެރި ފޯވާޑް އިބްރާހިމް މަހުދި ހުސެއިން (ހަބޭސް އިއްބެ)އެވެ. މެޗްގެ 15 ވަނަ މިނިޓްގައި އިއްބެ މި ލަނޑު ޖެހީ ގޯލް ކުރިމައްޗަށް ހުރަސް ކުރި ބޯޅައެއް ވަރަށް ހަަމަޖެހިލައިގެން ހުރެ ގޯލް ތެރެއަށް ވައްދާލައިގެންނެވެ.

މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީވެސް އިއްބެއެވެ. އިއްބެއަށް ފައިސާގެ އިނާމެއްގެ ގޮތުން 500 ޑޮލަރު ވަނީ ދީފައެވެ.

ޓީސީ މި މުބާރާތުގައި ހިމެނިފައިވަނީ ވަރުގަދަ ގްރޫޕެއްގައެވެ. އެއީ ޑާކާ އަބަހާނީ އިތުރުން ކިރްގިސްތާންގެ އަލްގާ ބިޝްކެކް އަދި ދެކުނު ކޮރެއާގެ ޕޮޗެއޯން އެފްސީ އެވެ. ކިރްގިސްތާންގެ ޓީމަށް މުބާރާތުގެ ފުރުސަތު ލިބުނީ ފިލިޕީންސްގެ ސްޓެލިއޯން އެފްސީ މުބާރާތުން ވަކިވުމުންނެވެ.

މި މޮޅާއި އެކު ޓީސީއަށް ވަނީ ވަރަށް ބޮޑު ހިތްވަރެއް ލިބިގެން ގޮސްފައެވެ.