މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި މޫނުބުރުގާ އަޅައިގެން މަސައްކަތް ކުރާތީ އއ. ރަސްދޫގައި ހުންނަ އއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ވަޒީފާއިން ވަކިކުރި ޓީޗަރަކަށް އެ ރަށު ޕްރީސްކޫލަކުން ވަޒީފާ ދީފިއެވެ.
އެގޮތުން އއ. ތަޢުލީމީ މަރުކަޒުގައި ޤުރުއާން ޓީޗަރެއްގެ މަޤާމުގައި ހުރި ތަހުމީނާ މުހައްމަދު އަށް ކައުންސިލްގެ ފަރާތުން ފަންޑު ދީގެންނާއި ސްކޫލްގައި ކިޔަވާ ދަރިވަރުންގެ އަތުން ފީ ނަގައިގެން ހިންގާ ޕްރީސްކޫލުން މިދިޔަ ހަފްތާގެ ހޯމަ ދުވަހު ވަޒީފާ ހަމަޖެހިފައިވާ ކަމަށް ރަސްދޫ ކައުންސިލްގެ މެމްބަރު އަބްދުލް މުހައިމިން އާއި ހަވާލާދީ ސަން އޮންލައިން އިން ރިޕޯޓް ކުރެއެވެ.
ތަހުމީނާ މުހައްމަދު އއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ވަޒީފާއިން ވަކި ކޮށްފައި ވަނީ "ސިވިލް ސާވިސް މަސައްކަތުގައި މުވައްޒަފުންގެ ހެދުން ބަހައްޓަންވީ ގޮތް" ބަޔާން ކުރާ ޤަވާއިދުގެ ދަށުން، މަސައްކަތުގެ މާހައުލުގައި އުޅޭއިރު މޫނު ނިވާ ނުކޮށް އުޅުމަށް ނަސޭހަތް ދިނުމުންވެސް އެގޮތަށް ޢަމަލު ނުކުރުމުންނެވެ.
ސިވިލް ސާވިސްގެ މުވައްޒަފުން މޫނު ބުރުގާ އެޅުން މަނާ ކުރާ ޤަވާއިދު ބާތިލް ކުރުމަށް ޤާނޫނީ ވަކީލުންތަކަކާއި ދީނީ ޢިލްމުވެރިންތަކެއް ވަނީ ހައި ކޯޓަށް މައްސަލަ ހުށައަޅާފައެވެ.