ދިވެހިރާއްޖެ އާއި ޗައިނާ އާއި ދެމެދު ޑިޕްލޮމެޓިކް ގުޅުންތައް ޤާއިމް ކުރިތާ 45 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ޗައިނާގެ ޘަޤާފީ ޙަރަކާތްތަކެއް ދައްކުވައިދޭ ޝޯތަކެއް ބޭއްވުމަށް ނިންމައިފިއެވެ.
އެގޮތުން ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ އާއި ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ) އިން އިންތިޒާމް ކޮށްގެން "ހެޕީ ޗައިނީސް ނިއު އިޔާ، ވޮންޑަފުލް ޖިއަންގްސޫ" ގެ ނަމުގައި ބާއްވާ ޝޯތަކުގައި ޗައިނާގެ ޘަޤާފީ ޙަރަކާތްތައް ދައްކުވައިދޭ ގްރޫޕެއް ކަމަށްވާ ޖިއަންގްސޫ ކަލްޗުރަލް ޕާފޯމެންސް ގްރޫޕްގެ ޙަރަކާތްތައް ފެނިގެންދާނެއެވެ.
އެ ޝޯތަކުގެ ތެރެއިން ފުރަތަމަ ޝޯ މިރޭ އަލިމަސް ކާނިވަލުގައި ބާއްވަން ހަމަޖެހިފައި ވާއިރު، ދެވަނަ ޝޯ އޮންނާނީ ހޯމަ ދުވަހުގެ ރޭ އޮލިމްޕަސް ތިއޭޓަރުގައެވެ. މި ފެބްރުއަރީ މަހުގެ 17 އިން 21 އަށް ރާއްޖެ އަންނަ ޖިއަންގްސޫ ގްރޫޕްގެ ޙަރަކާތްތައް ފެނިގެންދާ މި ދެ ޝޯވެސް ހިލޭ ބަލާލެވޭނެ ކަމަށާއި ދިވެހިންނަށް އެ ޝޯތަކަށް މަރުހަބާ ކިޔާ ކަމަށްވެސް ޗައިނާގެ އެމްބަސީ އިން ވަނީ ބުނެފައެވެ.
އެ ޝޯތަކުން ފެނިގެންދާނެ ބައެއް ޙަރަކާތްތަކުގެ ތެރޭގައި އެކްރޮބެޓިކްސް، މާޝަލް އާޓްސް އަދި ލަވަކިޔުމާއި ނެށުން ހިމެނެއެވެ.