އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ފާމަސީއެއްގައި މަސައްކަތް ކުރާ އަންހެން ފާމަސިސްޓެއްގެ ގައިގައި ސައިކަލުން ޖައްސާފައި ފިލި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
'އައްޑޫލައިވް' އަށް އެނގިފައިވާ ގޮތުގައި ސައިކަލުން ޖައްސާފައި ވަނީ ފާމަސީގެ ކައުންޓަރުގައި އަންހެންމީހާ ހުއްޓައި، ވަޅިން ބިރުދައްކައި ފޭރެން މަސައްކަތް ކުރުމަށް ފަހު ފިލައިގެން ދާން އުޅުމުން އެކަމަށް ހުރަސް އެޅުމުންނެވެ.
"ފާމަސީ ތެރެއަށް ފިރިހެން މީހާ ވަދެ ވަޅިން ބިރުދައްކައި ފޭރެން މަސައްކަތް ކުރީ، އަންހެން ކުއްޖާގެ ފޯނު ފޭރިގެން ދުއްވައިގަތީމާ. އަންހެން މީހާ އޭނާގެ ޓީޝާޓުގައި ހިފެހެއްޓީ. ފޮޅާލާފައި ގޮސް ސައިކަލަށް އަރައިގެން ނައްޓާލުމުން ހުރަސް އަޅަން ހެދީމަ ސައިކަލުން ޖައްސާފައި ފިލީ."، އަންހެން ކުއްޖާގެ އާއިލާގެ މީހަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުންޏެވެ.
އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެއްސި މައްސަލައިގައި ރޭގެ ވަގުތެއްގައި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަން ފުލުހުންގެ މީޑިޔާ އޮފިޝަލް ވަނީ ކަށަވަރުކޮށްދީފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ތޫނު އެއްޗަކުން ބިރު ދައްކައި ފޭރެން މަސައްކަތް ކުރި 36 އަހަރުގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށައް ގެނެސްފައިވާ ކަމަށެވެ. އަދި އެމީހާގެ ބަންދުގެ މުއްދަތު ހިތަދޫ ކޯޓުން 15 ދުވަސް ޖަހާ ދީފައިވާ ކަމަށެވެ.
މިހާދިސާގައި އަންހެން ކުއްޖާގެ ފައިމަތިން ސައިކަލް ދުއްވުމުގެ ސަބަބުން އެކުއްޖާގެ ފައިގެ ކަށިގަނޑުގައި ވަނީ ރެނދުލާފައެވެ.