Last Updated: April 30, 16:57
Wednesday, April 30, 2025
ޚަބަރު

އީދިގަލި ކިޅި ޕްލެޓްފޯމަށް ސައިކަލު އެރުވި މައްސަލަ ޕޮލިހަށް

އައްޑޫ ސިޓީގެ އީދިގަލި ކިޅީގައި ލަކުޑިން ހަދާފައިވާ ޕްލެޓްފޯމަށް ބަޔަކު ސައިކަލު އެރުވި މައްސަލަ މިއަދު އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ އިން ފުލުހަށް ހުށައަޅައިފިއެވެ.

އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ ޕެލެޓްފޯމަކީ ސައިކަލާއި ޕިކަޕު އެރުވުމަށް ހެދިފައިވާ ތަނެއް ނޫން ކަމަށާއި އީދިގަލި ކިޅި ބެލުމަށް އާންމު ރައްޔިތުންނަށް ހުޅުވާލެފައިވާއިރު އެތަނަށާއި ތަކެއްޗަށް އިހުތިރާމް ކުރެވެން ޖެހޭނެ ކަމަށެވެ.

ނައީމް އިތުރަށް ވިދާޅުވެފައިވަނީ އީދިގަލި ކިޅި ސަރަހައްދަކީ ވަރަށް ބޮޑު ސަރަހައްދަކަށް ވެފައި އަބަދު އެތަން ބަލަހައްޓަން މީހުން ބޭތިއްބުމަކީ ދަތި ކަމެއް ކަމަށެވެ. ނަމަވެސް އެތަނަކީ ހިމާޔަތް ކުރެވިފައިވާ ތަނަކަށް ވުމާއެކު އެތަނަށް ގެއްލުން ނުދިނުމަށް އިލްތިމާސްކޮށްފައިވެއެވެ.

ވޯލްޑް ބޭންކް އަދި ޔޫރަޕިއަން ޔޫނިއަން ގުޅިގެން ތަރައްގީ ކުރާ އީދިގަލި ކިޅިއަކީ އައްޑޫ ސިޓީގެ އީކޯ ޓޫރިޒަމްއަށް ހުޅުވާލެވިފައިވާ ބޮޑު ފުރުސަތެކެވެ. އެހެންކަމުން މިތަނަށް ގެއްލުން ދިނުމުން އައްޑޫގެ އެންމެހާ ދަރިން އެއްކިބާވެ އެފަދަ ކަމެއް ކުރަން އުޅޭ މީހަކު ހުއްޓުވުމަކީވެސް ހަމަ އައްޑޫ ރައްޔިތުންގެ ޒިންމާއެކެވެ.