ބޭންކް އޮފް މޯލްޑިވްސް އިން އައްޑޫ ސިޓީގައި އިތުރު އިންވެސްޓްމެންޓްތަކާއި ވަޒީފާގެ ފުރުސަތުތައް ހުޅުވާނެ ކަމަށް ބުނެފި އެވެ.
މިއަދު އައްޑޫ ސިޓީގެ ގަން އަދި ހިތަދޫގައި ސެލްފް ސާވިސް ބޭންކިންގ ހިދުމަތް ތައާރަފްކޮށް، ހިތަދޫގައި ކޮންޓެކްޓް ސެންޓަރެއް ހުޅުވުމަށް ބީއެމްއެލްގެ އިސް ވެރިން އައްޑުއަށް ކުރި ދަތުރުގައި ބޭންކުގެ ސީއީއޯ އެންޑްރިއު ހީލީ ވިދާޅުވީ ދެކުނުގެ ތިން ބްރާންޗަށް ބޭންކުން އިތުރު އިންވެސްޓްމެންޓުތައް ކުރާނެ ކަމަށެވެ.
މީގެ ސަބަބުން އިތުރު ވަޒީފާތައް އުފެދި މިސަރަހައްދުގައި ވަޒީފާގެ ފުރުސަތު އިތުރުވެގެންދާނެ ކަމަށް ހީލީ އިތުރުކޮށްފައިވެއެވެ.
އެގޮތުން މިސަރަހައްދުގައި މަސައްކަތް ކުރާ މުވައްޒިފުންގެ އަދަދު ދެގުނައަށް އިތުރުވެ ޖުމުލަ އަދަދު 80 އަށް އަރައިގެންދާނެއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ވަނީ މިއަދު އައްޑޫ ސިޓީގައި އެންމެ ޒަމާނީ ފެންވަރަށް ކޮންޓެކްޓް ސެންޓަރެއް ގާއިމުކޮށް ހުޅުވާފައެވެ. ބޭންކް އޮފް މޯލްޑިވްސްގެ ހަމައެކަނި ކޯލް ސެންޓަރުވެސް ހުންނަނީ އައްޑޫ ސިޓީގައެވެ.
ދިވެހި ރާއްޖޭގެ އެންމެ ބޮޑު ބޭންކް، ބީއެމްއެލް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ބޭންކުގެ ޚިދުމަތް ފޯރުކޮށްދެމުން ގެންދެއެވެ. 31 ބްރާންޗާއި 78 އޭޓީއެމް ގާއިމްކުރެވި 4000 ޕީއޮއެސް މާޗަންޓުންނާއި 200 ކޭޝް އޭޖެންޓުން އަދި 20 ސެލްފް ސާވިސް ބޭންކިންގެ އިތުރުން 5 ދޯނި ބޭންކިންގ ޔުނިޓް ރާއްޖޭގެ އެކި ހިސާބުތަކުގައި މަސައްކަތް ކުރެއެވެ.