އަވަށްޓެރި އިންޑިއާގެ އެންމެ ފުންނާބު އުސް އެއް ޓްރެވެލް އޯގަނައިޒޭޝަން ކަމަށްވާ ޓްރެވެލް އޭގެންޓްސް ފެޑެރޭޝަން އޮފް އިންޑިއާ (ޓާފީ) އާއި މޯލްޑިވްސް ޓްރެވެލް އެސޯސިއޭޝަން އޮފް ޓްރެޗަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އާއި ދެމެދު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.
އެގޮތުން އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބޭއްވި ސާޓޭ ފެއާގައި ޓާފީ އާއި މަޓާޓޯ އާއި ދެމެދު ވެވުނު މި އެއްބަސްވުމުގެ ދަށުން ދެ ޖަމިއްޔާގެ މެދުގައި މާކެޓިން ގައި ބޭނުންކުރާ ވަސީލަތްތަކާއި މާކޭޓް ޑޭޓާ އަދި ދިރާސާތައް ހިއްސާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ޓާފީ އާއި މަޓާޓޯ ގެ އާ ޕްރޮޑަކްޓްތަކާއި އުފައްދަން ރާވާފައި ހުރި ޕްރޮޑަކްޓްތައް މާކެޓް ކުރުމުގައި ދެފަރާތުގެ އެއްބާރުލުން ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ސާޓޭ ފެއާގައި އެ އެއްބަސްވުމުގައި މަޓާޓޯ ގެ ފަރާތުން ސޮއި ކުރެއްވީ އެޖަމިއްޔާގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ކަމަށްވާ އަސްރާ ނައީމެވެ. އަދި ޓާފީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެޖަމިއްޔާގެ ނައިބު ރައީސް ޕްރަދީޕް ލޫލާއެވެ.
1996 ވަނަ އަހަރު އުފެދިގެން އައި ޓާފީ އަކީ އިންޑިއާގެ ފަތުރުވެރިކަން ކުރިއަރުވައި އިސްތިހާރު ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމިއްޔާއެކެވެ.
ސިޔާސީ ނުފޫޒުން އެއްކިބާވެ ނޮން ޕްރޮފިޓް ޖަމިއްޔާގެ ގޮތުގައި ހިންގާ ޓާފީ އާއިއެކު ވެވުނު އެއްބަސްވުމުގެ ސަބަބުން، ދެޖަމިއްޔާ ގުޅިގެން މަސައްކަތް ކުރަން ފެށުމުން ވިޔަފާރީގެ އިތުރު ފުރުސަތު ތަކެއް އުފެދިގެން ދާނެ ކަމަށް މަޓާޓޯ އިން ބުނި ކަމަށް ސަން އޮންލައިން އިން ރިޕޯޓް ކުރެއެވެ. އަދި މީގެ ސަބަބުން ރާއްޖެއާއި އިންޑިއާގެ ފަތުރުވެރިކަން ރަނގަޅުވެ، އެ ދާއިރާ އިތުރަށް ތަރައްޤީވެގެން ދާނެ ކަމަށްވެސް މަޓާޓޯ އިން ވަނީ ބުނެފައެވެ.
ދުނިޔޭގެ 35 ޤައުމަކާއި އިންޑިއާގެ 28 ސްޓޭޓް އަކުން 750 އަށްވުރެ ގިނަ ކުންފުނިން ބައިވެރިވި ސާޓޭ ފެއާ އަކީ 2017 ވަނަ އަހަރު ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ފެއާތަކުގެ ތެރެއިން މަޓާޓޯ ބައިވެރިވާ ދެވަނަ ފެއާ ކަމުގައި މަޢުލޫމާތު ލިބެއެވެ.
މިފެއާ އަށްފަހު ދެން އެންމެ އަވަހަށް އޮންނަ ރިޔާދު ޓްރެވަލް ފެއާ ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މާޗު މަހުގެ ތެރޭގައެވެ. ސާޓޭއާއި އެކު މިއަހަރު ތެރޭގައި މަޓާޓޯ އިން ވަނީ ޖުމްލަ އަށް ފެއާއެއްގައި ބައިވެރިވުމަށް ނިންމާފައެވެ.
އިންޑިއާގެ ނިއު ދިއްލީގައި ފެށި ސާޓޭ ފެއާ ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 15 އިން 17 ވަނަ ދުވަހުގެ ނިޔަލަށެވެ.