Last Updated: June 30, 14:08
Tuesday, June 30, 2026
ކުޅިވަރު

މިސްރުގެ އިތުރު ޑިފެންޑަރަކު އީގަލްސް އަށް

ކްލަބު އީގަލްސްއާ ގުޅުނު މިސްރު ޑިފެންޑަރު މަހުމޫދު ސައީދު(ކ)އާއި އެކްލަބުގެ ކޯޗު އިހުސާން އަބްދުލްޤަނީ(ވ) --- ފޮޓޯ/ އީގަލްސް

މިޞްރުގެ އިތުރު ޑިފެންޑަރެއް ކްލަބް އީގަލްސް އަށް ސޮއި ކޮށްފިއެވެ.

މިއަހަރުގެ ފުޓްބޯޅަ ސީޒަނަށް އީގަލްސް އިން ގެނައި ޑިފެންޑަރަކީ މިޞްރުގެ މަހުމޫދު ސައީދެވެ. އަދި މިދިޔަ ސީޒަންގައި އީގަލްސް އަށް ކުޅުނު މިޞްރުގެ ޑިފެންޑަރެއް ކަމަށްވާ އެލްހުސިނީ މަހްމޫދު ވެސް އެޓީމުގައި ބަހައްޓަން އީގަލްސް އިން ވަނީ ނިންމާފައެވެ.

މިއަހަރުގެ ފުޓްބޯޅާ ސީޒަނަށް އީގަލްސް އިން ގެނައި މަހްމޫދު ސައީދަކީ މިޞްރުގެ ފުރަތަމަ ޑިވިޝަންގެ "ވާދީ ޑެގްލާ" އަދި ދެވަނަ ޑިވިޝަންގެ ކްލަބް "ނަޖޫމް އަލް މުސްތަކްބަލް" އަށް ކުޅެފައިވާ ޑިފެންޑަރެއް ކަމަށް މަޢުލޫމާތު ލިބެއެވެ.

އީގަލްސްގެ އިތުރުން މި ސީޒަންގައި މިޞްރުގެ ކުޅުންތެރިއެއް ޓީސީ ސްޕޯޓްސް އިން ވެސް ފެނިގެންދާނެއެވެ. އެއީ ބަންގްލަދޭޝްގައި ކުރިއަށްދާ ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކްލަބު ކަޕްގައި އެޤައުމުގެ ލީގު ޗެމްޕިއަން ދާކާ އަބަހާނީ އާއި ދެކޮޅަށް ކުޅެ ޓީސީ މޮޅުވި މެޗުގެ ފުރަތަމަ 11 އިން ފެނިގެން ދިޔަ އީސާ އެލް މަގްރަބީއެވެ.

މިދިޔަ އަހަރާއި މިއަހަރު އީގަލްސް އަށް ގެނައި މިޞްރުގެ ޑިފެންޑަރުންގެ އިތުރުން ބިދޭސީ ކުޅުންތެރިންގެ ގޮތުގައި އީގަލްސް އިން ފެނިގެންދާނީ ކުރީ ދެއަހަރުވެސް އެކްލަބަށް ކުޅެފައިވާ ސްރީލަންކާގެ ގޯލްކީޕަރު ސުޖަން ޕްރޭރާ އާއި ނެދަލެންޑްސް ގެ ފޯވާޑް ކަމަށްވާ ޑޮނަވަން ޑީކްމަންއެވެ.