ފުލުހެއްގެ ގަޔަށް އަތްލުމުގެ ދައުވާ ސާބިތުވެ ހިތަދޫ މީހަކު 27 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
ފާއިތުވި ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ، ސ.ހިތަދޫ/ ދޮންފަތްބަގީޗާގެ، އަލީ އަޝްކަރު އަހްމަދު އެވެ.
އަލީ އަޝްކަރުގެ މައްޗަށް ދައުވާ އުފުލާފައި ވަނީ، 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހު މާލޭގައި ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެންދަން އުޅުމުން އެކަމަށް ހުރަސް އަޅައި ފުލުހަކާއި މާރާމާރީ ހިންގި މައްސަލައެއްގައެވެ.
ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ، ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެންދަން އުޅުމުން އަލީ އަޝްކަރު އެކަމަށް ހުރަސް އެޅި ކަމަށެވެ. އަދި އޭނާ އެތަނުން ދުރުކުރަން މަސައްކަތް ކުރި ފުލުސް މީހާގެ ނޭފަތް މަތީގައި ޖަހައި މާރާމާރީ ހިންގާފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައިވެއެވެ.
އަލީ އަޝްކަރުގެ މައްޗަށް އުފުލާފައި ވަނީ، ޤާނޫނުލް އުޤޫބާތުގެ 120 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން ގައިގާ އަތްލުމުގެ ކުށުގެ ދައުވާއެވެ.
ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ ޝަރީޢަތުގައި އަލީ އަޝްކަރު ވަނީ ކުށަށް އިއުތިރާފްވެފައެވެ.