Last Updated: April 20, 10:54
Saturday, April 20, 2024
މުނިފޫހިފިލުވުން

ފަރީދާ ޖަލާލް "މަރާލައިފި"

"ކުޗް ކުޗް ހޯތާ ހޭ" ފަދަ ފިލްމްތަކުގައި މަންމައެއްގެ ރޯލް ކުޅެފައިވާ ބޮލީވުޑްގެ ބަަތަލާ ފަރީދާ ޖަލާލު މަރުވެއްޖެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ހަބަރު ފަތުރައިފަ އެވެ.

އިއްޔެ އިން ފެށިގެން މި ވާހަކަ ވައިރަހެއްހެން ދައުރުވާން ފެށުމުން، ފަރީދާގެ އެތައް ފޭނުންނެއް ވަނީ ހިތާމަ ފާޅުކޮށް، ތައުޒިޔާގެ މެސެޖްތައް ފޮނުވައިފަ އެވެ.

އުމުރުން 67 އަހަރުގެ ބަތަލާ މަރުވެއްޖެ ކަމަށް ބުނެ އެންމެ ކުރިން ހަބަރު ފެތުރީ ފޭސްބުކްގަ އެވެ. މިކަހަލަ ކަންތައްތަކަކީ ބޮލީވުޑްގައި މި ފަހަކަށް އައިސް އެއްގޮތަކަސް ވެސް އާ ކަމެއް ނޫނެވެ.

ދާދި ފަހުން ވަނީ ދިލިޕް ކުމާރާއި އައިޝްވާރިއާ ރާއީ ވެސްމަރުވެއްޖެ ކަމަށް ބުނެ ހަބަރު ފަތުރައި، އެތައް މިލިއަން ފޭނުންގެ ހިތްތައް ހަލާލުކޮށްލައިފަ އެވެ.

ފަރީދާ މަރުވެއްޖެ ކަމަށް ބުނެ ފެތުރި ހަބަރާ ގުޅިގެން އޭނާ ވަނީ ފަހުން އެކަމާ ބެހޭ ގޮތުން ވާހަކަ ވެސް ދައްކައިފަ އެވެ.

"އަހަރެން މިހިރީ ހެޔޮހާލުގައި ސަލާމާތުން،" ފިލްމްތަކާއި ޓީވީ ސިލްސިލާތަކުން ވެސް ފެންނަ ފަރީދާ ބުންޏެވެ.

ފަރީދާ އަދި ބުނީ އޭނާ މަރުވެއްޖެ ކަމަށް ބުނެ ހަބަރު ފެތުރީ ކީއްވެގެންކަން އެއްގޮތަކަށް ވެސް ނޭނގޭ ކަމަށާއި އެ ހަބަރާ އެކު އޭނާގެ ފޯނަށް އެތައް ހާސް މެސެޖާއި ކޯލް އައިސްފައިވާ ކަމަށެވެ.

"އަހަންނަށް އެއްގޮތަކަށް ވެސް ބައެއް މީހުން މިހަލަ ދޮގު ވާހަކަތައް ފަތުރަނީ ކީއްވެގެން ކަމެއް. މިއީ އަސްލު ވަރަަށް ބޮޑު މައްސަލައެއް،" ސަރްގޯޝިޔަން ކިޔާ ފިލްމެއްގެ މަސައްކަތް މިހާރު ކުރަމުން އަންނަ ބަތަލާ ބުންޏެވެ.